ގއ. މާމެންދޫގެ ގެސްޓްހައުސްއަކުންނާއި އެ ރަށު ސިއްހީ މަރުކަޒުގެ ބޭސްފިހާރައިން ވައްކަންކުރި މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، އަންދަލީބުގެ، އަހުމަދު ސައުދު (42އ) އަދި އެ ރަށު ސަންލައިޓްވިލާ، ހަމްދޫން ހަސަން (33އ) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަމްދޫން ހަސަންގެ ބަންދަށް 15 ދުވަސް ދީފައިވާއިރު، އަހުމަދު ސައުދު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މާމެންދޫ ގެސްޓް ހައުސްއަކުންނާއި ސިއްހީ މަރުކަޒުގެ ބޭސްފިހާރައިން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގެ ތެރެއިން، ތުހުމަތުކުރެވޭ ދެ މީހުން ހޯދައި ހައްޔަރުކުރުމުގެ އިތުރުން، އެ މީހުން ވަގަށް ނަގާފައިވާ ތަކެތި ވެސް ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުން ބުނި ގޮތުގައި، ގެސްޓްހައުސްއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި މެކްބުކް ސާފޭސް ޕްރޯއަކާއި، ޑީޖޭއައި ޑްރޯން ކެމެރާ ސެޓަކާއި، ގޯޕްރޯއެއްގެ އިތުރުން ކެނޮން ކެމެރާއެއް ހިމެނެއެވެ. އަދި ބޭސްފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ފައިސާއާއި އެހެނިހެން ބައެއް ތަކެތި ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.