މީހެއްގެ ކޭޝްކާޑު ބޭނުންކޮށްގެން 25،000 ރުފިޔާ ވަގަށް ނަގައިގެން ދަނިކޮށް ކަނޑުމަތިން 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ލައިފް އުމުރުން 22 އަަހަރުގެ މުހައްމަދު ޝައިން ޝަމީޒް އަދި ލ.ގަން، ދުނޑި ނޯތު ހެވަން އުމުރުން 24 އަހަރުގެ ހަމްދޫން ހަލީލްއެވެ.

ފުލުހުން ބުނީ ގއ. ވިލިނގިލި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑް ބޭނުންކޮށްގެން މާމެންދޫ ބީއެމްއެލް އޭޓީއެމްއިން ފައިސާ ނަގާފައިވާ މައްސަލައެއް ރޭ 8:13 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ކާޑު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް ދަތުރުކުރި ލޯންޗު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ކޭޝް ކާޑު ބޭނުންކޮށްގެން އެމީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.