އިއްޔެ ގއ. މާމެންދޫގައި ހިންގި ހަމަނުޖެހުން ފެށީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކަމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީން ތުހުމަތު ކޮށްފިއެވެ.
ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ދީދީގެ ކެމްޕެއިނަށް މާމެންދުއަށް ވަޑައިގެން އެ ރަށު ބަނދަރަށް ފޭބިތަނުން މީހަކު ގޮށްމުށް ކަވާފައި ނަރީޝްގެ ބުރަކަށީފައި ދެ ފަހަރު ޖެހި ކަމަށްބުނެ އޭނާ ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އަދި ދަނގަޑު ހޮޅިބުރިއަކުން ވެސް އޭނާއަށް ހަމަލާދިނުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ނުވީ އެތާ އެވަގުތު ތިބީ މީހުން އެކަމަށް ހުރަސް އެޅުމުން ކަމަށް ނަރީޝް ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގއ. ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހުމުން، އެ ރަށުގައި ހުރި އެމްޑީޕީ ކެންޑިޑޭޓްގެ ބެނާ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި ދަމާ ފޮރުވި ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން ހިންގި މި ނާތަހުޒީބު އަދި ޑިމޮކްރަޓިކް އުސޫލުތަކާ ހިލާފު އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ. "އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫ އަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައި" ބަޔާނުގައި ވެއެވެ.
ދައުލަތުގެ އިންތިހާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއްނޫންކަމަށްވެސް އެމްޑީޕީން ނެރުނު ބަޔާނުގައި ވެއެވެ.
އަދި ހަމައެހެންމެ ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް އެމްޑީޕީން ގޮވާލާފައިވާއިރު މި އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީންވެސް ވަނީ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
އިންތިހާބީ ހައްގުތަކަށް އަރައިގުގަނެ، ސުލްހަވެރި ކެމްޕެއިން އެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށާއި، ވަކިން ހާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށްވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.