ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް އެޕާޓީން ވަކިވެވަޑައިގެންފިއެވެ.
ޝީދާތާ ބައެއް ނޫސްތަކަށް ވިދާޅުވީ، އިސްތިއުފާގެ ސިޓީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށާއި އެކަމާ ގުޅޭ ތަފްސީލް މާދަމާގެ ވަގުތެއްގައި ހާމަ ކުރައްވާނެ ކަމަށެވެ.
އެސިޓީގައި އަދާލަތު ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަގާމުތަކުންނާއި މެންބަރު ކަމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި ފާއިތުވެދިޔަ ދިގު މުއްދަތުގައި އަދާލަތުން ފަހިކޮށް ދިން ފުރުސަތުތަކަށް ޝިދާތާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދާލަތު ޕާޓީން ޝިދާތާ ވަކިވެވަޑައިގެންފައި މިވަނީ އެ ޕާޓީން އާ އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައިވެސް ޝިދާތާ ހިމަަނާފައި ވަނިކޮށެވެ.
ޝިދާތާ އަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރެވެ. އެހެން ނަމަވެސް އެކި ތުހުމަތުތައް ކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ދިނުމާ ގުޅިގެން ޝިދާތާ ވަނީ އަމިއްލައަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.