ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އަދި އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް އެޕާޓީން ވަކިވެވަޑައިގެންފައި ވާއިރު އޭނާ ސޮއިކުރައްވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޕާޓީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ކަމަށް ވިދާޅުވެއްޖެއެވެ.

ޝިދާތާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ފުރަތަމަ ފިޔަވަޅާއެކު މިހާތަނަށް އުކަމުން ދިޔަ އެންމެހާ ސިޔާސީ ސޮފްހާތައް އުކަމުން ދިޔައީ އަދާލަތު ޕާޓީ އާއެކު ކަމަށް ވާތީ ގިނަ ގުނަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައި ވާ ކަމަށެވެ.

"އަދި ސިޔާސީ ސަހުސިއްޔަތު ބިނާ ކުރުމުގައި އަދާލަތު ޕާޓީ އަދާކޮށްދެއްވި ދައުރު ދުވަހަކުވެސް އަޅުގަނޑަކާ ދުރަކަށް ނުދާނެ. އެ ލިބުނު ހުރިހާ ފުރުސަތުތަކަށް އަދި ޕާޓީގެ މެމްބަރުންނާއި ލީޑަޝިޕުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އެހެނަސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާއި ހަމަޔަށް ދިޔުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ"
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް

ޝިދާތާ ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީ ރައްޔިތުންގެ ހައްގުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ މިސްރާބަކަށް ގައުމުގެ ކަންކަން ގެންދިއުމަށް ކުރެވޭ މަސައްކަތައް ބޮޅެއް އިތުރުވެގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ޝިދާތާ ވަކިވެވަޑައިގެންފައި ވަނީ އެ ޕާޓީން އާ އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައިވެސް ޝިދާތާ ހިމަނާފައި ވަނިކޮށެވެ.

ޝިދާތާ އަކީ މި ސަރުކާރުގެ ފުރަތަމަ ޖެންޑާމިނިސްޓަރެވެ. ނަމަވެސް މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެ އެކިއެކި ތުހުމަތުތައް ކުރައްވައި ޝިދާތާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ދެއްވުމާއި ގުޅިގެން އޭނާ ވަނީ އަމިއްލައަށް އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.