ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކޮމަންޑުއަށް ވަޑައިގަންނަވާ ކަން އިއުލާން ކުރުމާ ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު އަދި އެމްއެންޕީގެ ނައިބު ރައީސް ޝިދާތާ ޝަރީފް ފާޑު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއިން ރާޝިދަށް ތާއީދު ކޮށްފައި ވާއިރު މާދަމާ ގާސިމް އިބްރާހިމް ކޮމަންޑުއަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

ޝިދާތާ ވަނީ ގާސިމްގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެއްދަވާ، ގާސިމަކީ ހައިރިސްކް ބޭފުޅަކަށް ވާތީ ކޮވިޑްގެ ހާލަތާ ގުޅިގެން ދެ އަަހަރު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައި ނުގަންނަވާ މުސާރަ ނަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅު ބައްލަވައި ކެންޕެއިނަން ވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޝިދާތާ ވަނީ ފާޑުވިދާޅުވެފައެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގެ ހަރަކާތްތައް، އެ ގޮނޑިއަށް ވާދަކުރައްވާ 3 ކެންޑިޑޭޓުންނާއި ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން އަންނަނީ ކުރަމުންނެވެ. އަދި އެ ޕާޓީތަކުގެ އިސްވެރިން އެ ރަށްތަކަށް ވަޑައިގަންނަވާ އިރު ޝިދާތާވެސް ގެންދަވަނީ އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލްހަންނާން އިދުރީސްގެ ކެމްޕެއިންގައި ހަރަކާތްތެރި ވެވަޑައިގަންނަވަމުންނެވެ.