މިދިޔަ އަންގާރަ ދުވަހު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް މުހައްމަދު ނާޒިމް އާއި އެ ޕާޓީގެ ލީޑާޝިޕް ކ. ގުރައިދޫއަށް ކުރެއްވި ދަތުރަކީ ވަރަށް އުންމީޑީ ދަތުރެއް ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އެ ދަތުރާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝިދާތާ ވިދާޅުވީ، ކ. ގުރައިދޫ އަކީ ޕޮޓެންޝަލް ހުރި ރަނގަޅު ސިޔާސީ މަސައްކަތް ކުރެވޭނެ ރަށެއް ކަމަށެވެ. ކުދިބޮޑު ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް އުޖާލާ މާދަމާއަކަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ތަން ކަމަށާއި އެމްއެންޕީއާއެކު ގުރައިދޫ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ވާ ތަން ދެކެން ބޭނުވެފައި ތިބިތަން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި މިއީ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭވިފައި އޮތް ގިނަ ދަތުރުތަކެއްގެ އުޖާލާ ފެށުމެއް ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
މިދަތުރުގައި އެމްއެންޕީގެ ރައީސްގެ އިތުރުން، ޕާޓީގެ ނައިބު ރައީސް (ސެންޓްރަލް ރީޖަން) މިރްފަތު އިސްމާއީލް ޝަފީގް އާއި ޝިދާތާ ޝަރީފް އަދި ޕާޓީގެ ލީޑާޝިޕްގެ އެހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑަިއގަތެވެ. މި ދަތުރުގެ މައިގަނޑު މަގްސަދަކީ ރަށުގެ ރައްޔިތުންގެ އިހުސާސްތައް ދެނެގަތުން ކަމަށް އެމްއެންޕީން ބުނެއެވެ. ރައްޔިތުންނާއެކު ކުރެވުނު އެކި މަޝްވަރާތަކުގެ ތެރޭގައި އެމްއެންޕީގެ ފަރާތުން ރައްޔިތުން ބޭނުން ވަނީ ކޮން ކަންތައްތަކެއްތޯ ދެނެގަނެ، އެކަންތައްތައް މަގުފަހި ކޮށްދެވޭނީ ކިހިނެއްތޯ ބެލުމަށް އެމްއެންޕީގެ އިސްބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި ކަމަށް އެ ޕާޓީން ބުނެއެވެ.
އެއްދުވަހުގެ މިދަތުރުގައި އެމްއެންޕީގެ ޓީމުން ވަނީ ކ. ގުރައިދޫގެ ގޭގެއަށް ޒިޔާރަތްކޮށް ގިނަ ރައްޔިތުންގެ އިހްސާސަތައް ދެނެގަނެ، ރަށުގެ ޒުވާނުންނާ ބައްދަލުކޮށް ޒުވާނުންގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައުލޫމާތުވެސް ހޯދާފައެވެ. އަދި ރަށުގެ އިސްރައްވެހިންނާ ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކޮށްފައެވެ. މީގެ އިތުރުން މި ދަތުރުގައި ކ. ގުރައިދޫން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމްއެންޕީއާ ގުޅި، އެމްއެންޕީގެ ނައިބު ރައީސް މިރްފަތު އިސްމާއިލް ޝަފީގާ ފޯމުތައް ހަވާލު ކޮށްފައި ކަމަށް އެޕާޓީން ބުނެއެވެ.
އެމްއެންޕީން ކ. ގުރައިދޫއަށް ކުރި ދަތުރު ނިންމާލީ އެރަށުގެ ރައްޔިތުން ދިން ތަރުހީބަށް ޝުކުރު އަދާކުރަމުންނެވެ. އެމްއެންޕީ އަބަދުވެސް އޮންނާނީ ރައްޔިތުންނާ އެކުގައި ކަން ކަށަވަރު ކޮށްދޭ ކަމަށް އެޕާޓީން ބުނެއެވެ.