ހިޔާ ޓަވަރު 3 އަދި 4 އަކަށް މާދަމާ ކަރަންޓް ދިނުމަށް ހަމަޖެހިފައި ވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިރޭ ކުރި ޓުވީޓެއްގައި ވަނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމަށް ޓަކައި މާދަމާ 3 އަދި 4 ވަނަ ޓަވަރުގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާން ޖެހޭ ގަޑި އެނގިގެންދާނެ ކަމަށެވެ.

އަދި އެ ބޭފުޅަކަށް ހަމަޖެހިފައިވާ ގަޑިއަށް ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު ޓަވަރުތަކަށް ހާޒިރުވުމަށް ވެސް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފައިވަނީ އޮގަސްޓް 17، 2021 ގައެވެ. އެގޮތުން އެންމެ ފުރަތަމަ ކަރަންޓް ދީފައިވަނީ އެޗް15 އަދި އެޗް16 ވަނަ ޓަވަރަށެވެ.

އަދި މި މަހު 18 ވަނަ ދުވަހު ވަނީ ހިޔާ ފްލެޓް ގެ ޓަވަރު 11 އަދި ޓަވަރު 12 އަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ. މީގެއިތުރުންޓަވަރު 7 އަދި 8 ވަނަ ޓަވަރަށް މިއަދު ސްޓެލްކޯއިން ވަނީ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީފައެވެ.

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނީ ހިޔާ ފްލެޓްތަކަށޤ ކަރަންޓް ދިނުމުގެ މަސައްކަތް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އިން ހަވީރު 5 އަކަށް ސްޓެލްކޯއިން ކުރިޔަށްގެންދާނެ ކަމަށެވެ.

އަދި ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓް ދެވިގެންދާނެ ދެ ޓަވަރު އެ ކުންފުނީގެ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާކުރަމުންދާނެކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓތަކަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށްފަހު ފިނިޝިން މަސައްކަތް ކުރުމަށް ރަސްމީކޮށް ހުޅުވާލާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ.