ރިސޯޓެއް ތަރައްގީ ކުރަން ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ކުއްޔަށް ދޫކޮށްފައި އޮތް ތ. އެލާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަތުލުމުން އެ ރަށުގެ ބަދަލުގައި އދ. ފެންފުށީ ފަޅު ދިނުމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތ. އެލާގެ ބަދަލުގައި ފެންފުށީ ފަޅު ދިނުމަށް އެދިވަޑައިގެން ވިލާ ކުންފުނީގެ ފަރާތުން ގާސިމް ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައެވެ. އެއީ އެލާގެ ބަދަލުގައި އެ ކުންފުނިން ރިސޯޓް ހަދަން ބޭނުންވާ އެހެން ރަށްތަކުގެ ލިސްޓެއް ފޮނުވަން އެ މިނިސްޓްރީން އެދިފައި ވުމުންނެވެ.
ބައެއް މަސްދަރުތަކުގައި ވާ ގޮތުން މީގެ ކުރިން ގާސިމް ވަނީ ތ. ކަނިމީދޫ ނުވަތަ އެ އަތޮޅުގެ ކަޅުފަހަލަފުށި ދިނުމަށްވެސް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ރަށްތައް ލިބޭ ގޮތެއް ނުވިއެވެ.
އެެހެންކަމުން އެންމެ ފަހުން ގާސިމް ފޮނުއްވި ސިޓީގައި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ، އދ. ފެންފުށީގެ ހުޅަނގު އުތުރުގައި އޮންނަ ފަޅު ހިއްކައިގެން ރިސޯޓު ތަރައްގީ ކުރަން ދިނުމަށެވެ.
ގާސިމްގެ ސިޓީގައި ވަނީ ފަޅު ހިއްކައިގެން ރިސޯޓު ހެދުމަކީ ހަރަދު ބޮޑު ކަމަކަށް ވާތީ، އެ ފަޅު ވިލާ ކުންފުންޏަށް 99 އަހަރަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ތ. އެލާ އަކީ 2006 ވަނަ އަހަރު އައްބާސް މުހައްމަދު ނަމަކަށް ކިޔާ މީހެއްގެ އަތުން ވިލާ ކުންފުނިން ގަނެފައިވާ ރަށެކެވެ.
2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވިލާއިން ރިސޯޓް ތަރައްގީ ކުރާ ހުރިހާ ރަށަކަށް އެއް އަހަރު ފަހުން ކުލި ދައްކަންޖެހޭގޮތަށް ހަމަޖެއްސިއެވެ. އެގޮތަށް ހަމަޖެއްސައި ކުލިދެއްކުން މަޑުޖައްސާލާފައި ވަނިކޮށް 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ކުރީގެ އެގްރީމެންޓް ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީން އާ އެގްރީމެންޓެއްގައި އެކުންފުންޏާއެކު ސޮއިކުރިއެވެ.
އެ އެގްރީމެންޓުގެ ދަށުން ތ. އެލާ ކުއްޔަށް ދިނީ 50 އަހަރަށެވެ. އެ އެގްރީމެންޓުގައިވާ ގޮތުން ކުލި ދައްކަން ފަށާ ތާރީހަކީ ރިސޯޓު ހުޅުވާ ތާރީހެވެ. ރިސޯޓު ހެދުމަށް ދީފައި ވަނީ ފަސް އަހަރުގެ މުއްދަތެކެވެ.
އެހެން އެކަން އޮއްވައި 2015 ވަނަ އަހަރު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ސޮއިކުރައްވައި ފޮނުވި ސިޓީއަކުން އެ އެގްރީމެންޓް ބާތިލު ކުރިއެވެ. އެގްރީމެންޓް ބާތިލްކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ "ގުޑްވިލް ނެތިގެން" ކަމަށެވެ.
އެކަމާ ގުޅިގެން ވިލާ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ އެތަންތަން އަނބުރާ ސަރުކާރަށް ނެގީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށް ވާތީ އެތަންތަން އަނބުރާ ވިލާއަށް ދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ ހުކުމް ބާތިލުކޮށް ސަރުކާރާ އެއްކޮޅަށް މައްސަލަ ނިންމިއެވެ. ދެން ވިލާ އިން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.