ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާއި، އެޗްޑީސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި އެކަމާއިގުޅޭ މައުލޫމާތު ސާފުކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަހައްދާއި ތިލަފުށީގައި އެޗްޑީސީ އިން ގާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލައްވައިފައެވެ. އަދި އެމަނިކުފާނުގެ މި ޒިޔާރަތުގައި އެމްޓީސީސީގެ އޮފީސް ސަރަހައްދާއި ޑޮކްޔާޑެއްވެސް ވަނީ ބައްލަވައިލައްވާފައެވެ.

މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭ ސަރަހައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު ތިލަފުށީގައި އެޗްޑީސީ އިން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވަނީ ގާއިމުކޮށްފައެވެ. އަދި މި ގުދަނުގެ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.

އެޗްޑީސީ އިން އެމްޓީސީސީ އާ ހަވާލުކޮށްގެން ތިލަފުށީ ދެވަނަ ފިޔަވަހީގައި ހިއްކުމަށް ހަމަޖެހިފައިވަނީ 127 ހެކްޓަރުގެ ބިމެވެ. މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓާ ޕްލޭނާ އެއްގޮތަށެވެ.