ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 12ވަނަ ބެޗް 14 ބައިވެރިންނާއެކު ފަށައިފިއެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުން ކުރިއަށް ގެންދާ އެ ކުންފުނީގެ ސީއެސްއާރް މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށާއި މިއީ ޒުވާނުން ބާރުވެރިކުރުމަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ބުނެއެވެ.
އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމަށް ފުރުސަތު ހުޅުވިގެން ދިއުން ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މާލެ، އައްޑޫ ސިޓީ، ތިނަދޫ، އަދި އޭދަފުށީގެ ޒުވާނުންނަށް ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގައި އޭލެވެލް ނިމި ފުލްޓައިމް ވަޒިފާއެއް ލިބިފައިނުވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުން ބައިވެރިވާ ކަމަށް ދިރާގުން ބުނެއެވެ.
އެ ޕްރޮގްރާމް އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް މުހިންމު ކަންތައްތަކެއް ދަސްވެ، ބޭނުންވާ ދާއިރާއިން ކުރިޔަށް ދިއުމަށް މަގުފަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެތައް ހުނަރެއް ދަސްވެ ދިރާގުގެ ތެރެއިން ވަޒީފާ ހޯދުމަށްވެސް ފުރުސަތު ފަހިވެގެން ދާނެކަމަށް ވެސް އިސްމާއިލް ރަޝީދު ވަނީ ވިދާޅުވެފައެވެ.
2009 ވަނަ އަހަރު ފެށި ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 214 ޒުވާނުން ވަނީ ތަމްރީނު ކޮށްފައެވެ. އޭގެ ތެރެއިން ބައެއް ޒުވާނުން ދިރާގުގެ އިތުރުން ބޮޑެތި އެހެން ކުންފުނިތަކުގައި ވެސް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.