މާލެ ސަރަހައްދުގައި ހިންގާ ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުމުގެ ހުއްދަ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދީފިއެވެ.

ކޮލެޖު ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުމުގެ ކަންކަން އަލުން ފެށުމުގެ ހުއްދަ ދީފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހުއެވެ.

ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރުމާ އެކު މިދިޔަ މެއި މަހުން ފެށިގެން ވަނީ މާލެ ސަރަޙައްދުގެ ކޮލެޖުތަކާއި ޔުނިވާސިޓީތަކަށް ދަރިވަރުން ހާޒިރު ނުވެ، އޮންލައިންކޮށް ކިޔަވާ ގޮތަށް ހަމަޖައްސާފައެވެ.

ނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުތައް މިދުވަސްވަރު މަދުވުމާ ގުޅިގެން އެޗްއީއޯސީ އިން މިއަދު ވަނީ އެ އުސޫލަށް ލުއި ދީ، އެތަންތަނަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައި ދިނަސް އެންމެ ރަނގަޅުކަމަށް ނިންމާފައެވެ.

ލުއި ދިން ނަމަވެސް، ޔުނިވާސިޓީއަކާއި ކޮލެޖުތަކަށް ހާޒިރުވާ ދަރިވަރުންނާއި މުވައްޒަފުން ވެސް އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެގޮތުން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށާއި، ވެކްސިން ނުޖަހާ ހުރިނަމަ ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ވެސް ޖެހުމަށް އެ ސެންޓަރުން އިލްތިމާސް ކޮށްފައި ވެއެވެ.

ސްކޫލްތަކާއި ކޮލެޖުތައް އަލުން ހުޅުވަމަށް ތައްޔާރުވެފައި ވާއިރު ކުރިޔަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހެވެ. އެހެންނަމަވެސް ބައެއް ކޮލެޖުތަކުގެ ކިޔެވުން ފަށަން ހަމަޖެހިފައި ވަނީ މިމަހުގެ ފަހުކޮޅުއެވެ.