ރައްޔިތުން މަޖިލީހުގެ އިދާރީ މުވައްޒަފަކު ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ.
މަޖިލީހުން އެހެން ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ ދޮރުމަތީ އޮށޯވެ ވަޑައިގެން އިހްތިޖާޖް ކުރުމުގެ ކުރިން އިއްޔެ މެންދުރު މަޖިލީހަށް ވަޑައިގަތުމާ އެކު، އިދާރީ މުވައްޒަފަކު "ލޮލީ ޖާބިރު" ގެ ނަމުން ޖާބިރާ މުހާތަބު ކުރި ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެންނެވެ.
ޖާބިރު ވަނީ މިކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާ ދުވަހަކުވެސް އެ މުވައްޒަފަކަށް މާފު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މަޖިލިސް އިދާރާއިން ބުނީ އިދާރާ އެއްވެސް މުވައްޒަފަކު ޖާބިރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.
ޖާބިރުގެ އިހުތިޖާޖުގެ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ އަތުގައި އޮތް ފެންފުޅި އަކުން ބޮލަށާއި ގަޔަށް ފެން އަޅުއްވާ މަންޒަރާއި ކޮޅަށް ހުންނަވައިގެން ހަޅޭއްލަވަމުން ގެންދަވާ މަންޒަރު ފެނެއެވެ. އަދި އިރުކޮޅަކުން އިށީނދެވަޑައިގެން އިންނެވުމަށް ފަހު ފަހުން އޮށޯންނަވާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނިގެން ދެއެވެ.
ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން ދިޔާނާ ވަނީ ޖާބިރުގެ ފޯނު އޭނާއަތުން ހޯއްދަވައިގެން ފަހުން އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.
ޖާބިރު އެކަހެރި އިހްތިޖާޖެއް ކުރައްވަމުން ގެންދެވި އިރު އެއްވެސް މީހަކު ޖާބިރަށް ހުރަސް އަޅާފައެއް ނުވެއެވެ. އިރުކޮޅަކު އިހްތިޖާޖު ކުރެއްވުމަށް ފަހު ޖާބިރު ވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފައެވެ. ޖާބިރު އަކީ ތަފާތު ކަންކަން ކުރައްވާ މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އިރު މި އިހުތިޖާޖާ ގުޅިގެން ޖާބިރަށް ވަނީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައެވެ.