ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވެލާނާގެ ކުރިމަތީގައި އޮތް ޕާކިންޒޯނުގައި ޕާކް ކުރުން މަނާ ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބައެއް މީޑިއާތަކަށް ވިދާޅުވީ އަމީރު އަހުމަދު މަގުގައި ވެލާނާގެ ބްލޮކް ސަރަހައްދުގައި ޕާކް ކުރުން އެ މިނިސްޓްރީގެ ފަރާތުން މަނާކޮށް އެ ސަރަހައްދު ހުސްކުރަން އަންގާފައި ވާކަމަށެވެ.

އެ ސަރަހައްދުގައި ހުރި ސައިކަލްތައް ނަގާ ހުސްކުރަން ސިޓީ ކައުންސިލަށް އެންގީ ގައުމީ ދިފާއީ ބާރުގެ އެދުމަށް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އެ ސަރަހައްދުގައި ޕާކް ނުކުރެވޭ ގޮތް ހަދައިިދިނުމަށް ގައުމީ ދިފާއީ ބާރުން އެދިފައި ވަނީ އެ ސަރަހައްދަކީ ސަރުކާރުގެ ބައިވަރު އޮފީސްތައް ހުންނަ ސަރަހައްދަކަށް ވެފައި ސަލާމާތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް މައުލޫމާތުތައް ލިބެއެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކޮށްގެން މެއި 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު ގައުމީ ދިފާއީ ބާރުން އަދި ސަރުކާރުން އަންނަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގުގައިވެސް ވެހިކަލް ޕާކު ނުކުރެވޭ ގޮތް ވަނީ ހަދާފައެވެ.

ކުރީގެ ރައީސުންގެެ ގެކޮޅު ކައިރީ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުން ޕާކުކުރުން ވެސް ވަނީ ދާދިފަހުން މަނާ ކޮށްފައެވެ.