ކޮވިޑްގެ ހާލަތުން އަަރައިގަތުމަށް ވެދެއްވެން އޮތް އެހީއެއް ރާއްޖެއަށް ވެދެއްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާ މިއަދު ފޯނު މެދުވެރިކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މޯދީ ވިދާޅުވީ ރައީސް ސޯލިހުއާ އެކު ދެެއްކެވި ވާހަކަފުޅުގައި، ރާއްޖެ ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ވެދެއްވެން އޮތް ކޮންމެ އެހީއެއް ވެދެއްވާނެ ކަމަށާއި އެކަމުގައި ރާއްޖެއަށް އިންޑިއާގެ ސަޕޯޓް ދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވުމާ ގުޅިގެން އެކަމަށް މޯދީ ވަނީ މަރުހަބާ ވެސް ވިދާޅުވެފައެވެ.
ރައީސް ސޯލިހުގެ ވާހަކަފުޅުގައި، ނަރެންދުރަ މޯދީއާ ފޯނުން ބައްދަލުވެވަޑައިގަތީމައި އުފާފުޅު ކުރައްވާ ކަމަށާއި ކޮވިޑްގެ މިއަނދަވަޅުން ރާއްޖެ އަރައިގަތުމުގައި ކުރަންވީ ކަންކަމާއި ދެގައުމަށް މުހިންމުވާ ގިނަ ކަންކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި ވާކަން ފާހަގަ ކުރެއްވިއެވެ.
މީގެ ކުރިން އިންޑިއާ އޮތީ ރާއްޖެއަށް އެހީވުމުގައި އެންމެ ކުރީސަފުގައި ކަމަށް ރާއްޖެގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފިއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާ އޮތީ ކޮވިޑްގެ ހާލަތުގައި އަދި އަބަދުވެސް ރާއްޖެއާ އެކުގައި ކަމަށާއި ކޮވިޑްގެ ހާލަތުގައިވެސް އިންޑިއާގެ ބޯޑަރު ހުޅުވައިފައި އޮތީ ރާއްޖޭއިން ދާ ބަލިމީހުންނަށް ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ރާއްޖޭއަށް 25 އިންސައްތަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާއިން ކަމަށްވެސް ހައިކޮމިޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
އާންމު ދަތުރުތައް ފެއްޓުނުހާ އަވަހަކަށް ރާއްޖޭގެ ޓޫރިޒަމް ކުރިން އޮތް ހާލަތަށް އިއާދަ ކުރަން އިންޑިއާ އޮތީ އެހީވާން ތައްޔާރަށް ކަމަށްވެސް އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންޑިއާއަކީ ރައީސް ސޯލިހުގެ ސަރުކާރު "ފަސްޓް ޕޮލިސީ" ގެ ދަށުން އެންމެ ގާތް މިތުރެވެ.