ކުޑަކުދިންނާއި ކޮވިޑް 19 ގެ ވެކްސިން ނުޖަހާ މީހުން އަދިވެސް ކަރަންޓީން ވާން ޖެހޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިވަގުތު ލުއިތައް ދީފައި ވާނީ ވެކްސިން ގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

ކޮންމެ އުމުރު ފުރައެއްގެ މީހަކު ކަމުގައި ވިޔަސް ވެކްސިން ނުޖަހާ ކަމަށް ވަންޏާ އެއިން ލިބޭ ރައްކާތެރިކަމުގެ އަސަރު ފުރިހަމަ އަށް ނުކުރާނެ ކަމަށް ވެސް ޑރ.ނަޒްލާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ޑރ. ނަޒްލާ ވިދާޅުވީ ކުޑަކުއްޖަކަށް ބަލިޖެހިފައި ވާނަމަ އެ ކުއްޖެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އިއްޔެ ކޮވިޑް 19 ވެކްސިން ގެ ފުރަތަމަ ޑޯޒް 151 މީހަކު ޖަހާފައި ވާއިރު ދެވަނަ ޑޯޒް ޖަހާފައި ވަނީ 4982 މީހުނަނެވެ. ކޮވިޑް 19 ގެ ފުރަތަމް ޑޯޒް 317،549 މީހަކު ވަނީ ޖަހާފައެވެ. އަދި ކޮވިޑް19 ގެ ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 199،784 މީހުންނެވެ.