އެޕޮއިންޓްމަންޓް ދޫކޮށްފައިވާ ގަޑިއަށް ފަރުވާތެރިވެގެން ވެކްސިން ޖަހަން ދިއުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ދޭން ފަށައިފައިވާއިރު، މިހާރު ކޮވިޝީލްޑް ވެކްސިން ދެމުން ގެންދަނީ ފެބްރުއަރީ މަހާއި މާޗް މަހުގެ ތެރޭ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ދެވަނަ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށެވެ. އަދި ވެކްސިން ދެމުން ގެންދަނީ އެޕޮއިންޓްމަންޓް އުސޫލުން ޓޯކެން ނަންބަރު ދޫކޮށްގެންނެވެ.

އެޗްޕީއޭއިން ބުނީ ކިއުތައް ދިގުވާ މައިގަނޑު ސަބަބެއްކަމަށް ފާހަގަކުރެވެނީ އެޕޮއިންޓްމަންޓްއަށް ފަރުވާލެއް ނެތި މީހުން ކިއުއަށް އެރުން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެޕޮއިންޓްމަންޓް ލިބިފައިވާ ގަޑީގެ 2-3 ގަޑިއިރު ކުރިން ކިއުއަށް އަރާ ކަން ފާހަގަކުރެވޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ބިދޭސީ މަސައްކަތްތެރިން. އެބޭފުޅުންގެ އެމްޕްލޯޔާސް ވެސް މިކަން ފާހަގަކޮށްދިނުން މުހިންމު.
އެޗްޕީއޭ

މީގެ ކުރިން ކޮވިޑްގެ ވެކްސިން ޖަހައިދިން އިރުވެސް ކިއުތައް ދިގުވުމާ ތޮއްޖެހުމުގެ މައްސަލަތައް އައީ ކުރިމަތިވަމުންނެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ ވެކްސިން ޖެހުމުގެ އިންތިޒާމު ފަސޭހަ ކޮށްދިނުމަށް އޮންލައިންކޮށް އެޕޮއިންޓުމަންޓު ހެދޭގޮތް މިހާރު ވަނީ ފަހިކޮށްދީފައެވެ. މިގޮތުން، އެޗްޕީއޭއިން ބުނެފައިވަނީ ފެބްރުއަރީ އަދ މާޗްގައި މަހު ކޮވިޝީލްޑް އެއްވަނަ ޑޯޒު ޖެހި މީހުން ދެވަނަ ޑޯޒު ޖެހުމަށް މިލިންކް މެދުވެރިކޮށް ބޭނުން ވަގުތަކަށް އެޕޮއިންޓުމަންޓު ހެދޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެޕޮއިންޓްމަންޓް ހަދާފައިވާ ވަގުތަށް ނާދެވިއްޖެނަމަ ބުކިންގ ކެންސަލްވާނެ، އަދި އެހެން ދުވަހަކަށް އަލުން އެޕޮއިންޓްމަންޓް ހަދަން ޖެހޭނެ ކަމަށެވެ.