ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ހޯމް އިމްޕްރޫވްމަންޓް" ނަމުގައި ލޯން ސްކީމެއް ތައާރަފްކޮށް ދޫކުރަން ފަށައިފިއެވެ.

މި ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް 25،000 ރުފިޔާއާއި 15،000 ރުފިޔާއާއި ހަމައަށް ލޯނު ލިބޭނެ ކަމަށް ބޭންކުން ބުނެއެވެ. މި ލޯނު ދެއްކުމަށް 5 އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާއިރު 12 ޕަސަންޓުގެ އިންޓްރެސްޓްވެސް ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓުތައް / ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް

އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ރާއްޖޭއަށް ދިމާވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް ހިޔާ ފްލެޓް ލިބުނު މީހުންނަށް ލޯން ސްކީމެއް ތައާރަފްކުރެވުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. އަދި މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ ޕްރޮޑަކްޓެއް އެ ބީއެމްއެލް އިސްލާމިން އިން ވެސް ލިބޭނެކަމަށް ޓިމް ސޯނާ ވިދާޅުވެފައިވެއެވެ.

ގޮންޖެހުންތަކާ އެކު ވެސް މިއަދު ތައާރަފު ކުރެވުނު ފައިނޭންސިން ފުރުސަތުތަކަކީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކަށް ލިބޭނެ އުފާވެރި ހަބަރެއް. ޝަރުތުހަމަވާ ފަރާތްތަކަށް ރަހުނަކާ ނުލައި، އިތުރު ހަރަދެއް ކުރަން ނުޖެހި، ލިބިފައިވާ ފްލެޓުގެ ބާކީ މަސައްކަތްތައް ނިންމާލަން ލޯނު މިހާރު ލިބޭނެ. މި ލޯނާ އެއްގޮތް ޝަރުތުތައް އެކުލެވޭ، ޝަރުއީ ހަމަތަކަށް ފެތޭ ޕްރޮޑަކްޓެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ވެސް ލިބޭނެ
ޓިމް ސޯޔާ

ބީއެމްއެލް އިން ވަނީ އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިން މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ވެސް " ހޯމް އިމްޕްރޫވްމަންޓް ލޯން ޕްލަސް" ގެ ނަމުގައި ލޯން ސްކީމެއް ތައާރަފްކޮށްފައެވެ.

މި ލޯންއަށް ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އާއި 300،000 ރުފިޔާއާ ހަމައަށް ލޯން ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ލޯން ދެއްކުމަށްވެސް 5 އަހަރުގެ މުއްދަތެއް ލިބިގެންދާއިރު ލޯނުގެ އިންޓަރެސްޓް ރޭޓް ގެ ގޮތުގައި 12 ޕަސަންޓު ބީއެމްއެލް އިން ވަނީ ކަނޑައަޅާފައެވެ. މި ލޯނުވެސް ދޫކުރަން ހަމަޖެހިފައިވަނީ އެއްވެސް ރަހުނަކާ ނުލައި ކަމަށް ބީއެމްއެލް އިން ބުނެއެވެ.