ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހަނިމާދޫގެ ބިމުން 400،000 އަކަފޫޓޫގެ ސަރަހައްދެއް ދިނުމާމެދު ގޮތެއް ނިންމާ ކައުންސިލްގެ ޖަލްސާ ކުރިއަށް އެބަދެއެވެ.

މި ޖަލްސާ ހެނދުނު 10:00 ގައި ފަށައިފިއެވެ.

ހަނިމާދޫ ކައުންސިލުން އާންމު ކޮށްފައިވާ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 06 ވަނަ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން އެ މައްސަލައަށް މިއަދު ގޮތެއް ނިންމާނެއެވެ. އެގޮތުން އެޖެންޑާގައި ވަނީ އެއާޕޯޓް ޑިވަލޮޕްމަންޓް މަޝްރޫއަށް 400،000 އަކަފޫޓުގެ ބިމެއް އިތުރު ކުރުމަށް ނިންމުމަށާ، ބިމުގެ ރަޖިސްޓްރީ ކަންތައް ހަމަޖައްސައި ދެވޭނީ ގާނޫނީގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަކޮށް ލޭންޑް ޔޫސް ޕްލޭނެއް ނިންމުމަށް ފަހުގައި ކަމަށް ފާސްކޮށް ބިމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ނިންމުމަށެވެ.

މިގޮތަށް ކައުންސިލްގެ ޖަލްސާ އެޖެންޑާ ކޮށްފައި ވާތީ އެރަށުގެ ޒުވާނުން ވަނީ މީގެ ކުރިން ރަށުގައި އިހުތިޖާޖު ކުރަން ނިންމާފައެވެ. ނަމަވެސް އެރަށު ޒުވާނުންގެ ޖަމިއްޔާގެ މެންބަރެއް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިހާރު އިހުތިޖާޖު ނުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމާފައި ވަނީ ކޮވިޑްގެ ކޭސްތަކެއް ފެނި ރަށް މޮނިޓަރިންގެ ހާލަތުގައި ވާތީއާއި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްވެ އުޅުން މަނާކޮށްފައި ވާތީ ކަމަށެވެ. އަދި ރަށުގައި މިވަގުތު އޮތީ ކޮމިއުނިޓީ ސްޕްރެޑެއް ކަމަށް ބެލެވޭތީއާ އެކު ކަމަށްވެސް މައުލޫމާތު ދެއެވެ.

ނަމަވެސް ކައުންސިލުން ބައްދަލުވުން ބާއްވާ ވަގުތު އެތަނަށް ވަދެވޭ މިންވަރަކަށް މީހުން ވަންނާނެ ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

ބިމުގެ މައްސަލާގައި "ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ" އާއި "ސާއްބަ ޖަމިއްޔާ" އަދި "ކެތިއަރާ ކްލަބުން" ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ނަމުގައި 400،000 އަކަފޫޓުގެ ބިމެއް ދިނުމަށް ނިންމާފައި ވާއިރު އެ ބިމުގެ ބޭނުން ކުރަނީ ކޮން ކަމަކަށް ކަމެއް ނޭނގޭ ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީ ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދަކަށް ވެފައި އަދި ރަށުގެ ކުދި ބޮޑު އެންމެންގެވެސް ހުވަފެނަކަށް ވުމާ އެކު އެއާޕޯޓަށް އިތުރު ބިމެއް އެއް ކުރުމަށް ނިންމުމަކީ ރައްޔިތުންނަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ އިންޑިއާއިންނެވެ. އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފައި ވާއިރު، ހަނިމާދޫގައި އިންޑިއާ ސިފައިން ގާއިމުވެ ތިބޭ މައްސަލައިގައި ގިނަ އަދަދެއްގެ ދިވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.