ނަގިލި ކަހާލައިގެން އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ދެ ބޯޓުގެ ސަބަބުން ތިމާވެއްޓަށް ލިބިފައި ވަނީ ވަރަށް ކުޑަ ގެއްލުމެއް ކަމަށް އެންވާރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އީޕީއޭ އިން ކުރިއަށްގެން ދިޔަ ސާވޭގެ އެންމެ ފަހުގެ މައުލޫމާތު "ދަ ޕްރެސް" އާ ހިއްސާކުރައްވަމުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު ވިދާޅުވީ، މާލޭގެ އިރުމަތީ ފަރާތު ފަރަށް ބޯޓުތައް ކަހާލައިގެން ދިޔަ ސަރަހައްދު މި މަހުގެ 21 ވަނަ ދުވަހު ސާވޭކޮށްފައިވާ ކަމަށެވެ. އެ ސާވޭގެ ޕްރިލިމިނަރީ ނަތީޖާއިން ދައްކާ ގޮތުގައި ލިބިފައިވަނީ ވަރަށް ކުޑަ ގެއްލުމެކެވެ.
ހައްސާން މުހައްމަދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ސަރަހައްދަކީ މުރަކަ ހެދިފައި ހުރި މިންވަރު ވަރަށް މަދު ސަރަހައްދަކަށް ވުމުން، މުރަކަތަކަށް ލިބުނު ގެއްލުން ވެސް ވަރަށް ކުޑައެވެ. އެގޮތުން ބޯޓު ކޭއްތިފައި ހުރީ މަތިމަތިން ކަމަށާއި، ބޯޓު ޖެހި އެންމެ ބޮޑު ގެއްލުމެއް ފެންނަން ހުރީ 8.4 މީޓަރުާއި 6.7 މީޓަރުގެ ސަރަހައްދެއްގައެވެ. މީގެ އިތުރުން މަދު އަދަދެއްގެ ޕޮސިލޮޕޯރާ މުރަކަތަކަކަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފައިވާކަން ފާހަގަކުރެވުނު ނަމަވެސް، ޖުމްލަ ގޮތެއްގައި ތިމާވެއްޓަށް ކޮށްފައިވާ އަސަރު ވަރަށް ކުޑަ ކަމަށާއި، މި ސާވޭއާ ގުޅޭ ތަފްސީލީ ރިޕޯޓެއް ތައްޔާރުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 10 ވީ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ވަރަށް ބާ މި ދެ ބޯޓު ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގައި ޖެހުމަށްފަހު، ބްރިޖު ދަށުން އޮޔާގޮސް މާލެ އަތޮޅުން ބޭރަށް ދަނިކޮށް، އެ ބޯޓުތަކުގައި ތިބި 9 ފަޅުވެރިން ވަނީ ސަލާމަތްކޮށް ކަސްޓަމްސްއާ ހަވާލުކޮށްފައެވެ. އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް، ދިޔަވުމުގެ ސަބަބުން މި ދެ ބޯޓު ވަނީ މާލެ އަތޮޅުގެ އިރުން، 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފައެވެ.
ބޯޓުތައް ޖެހުމުގެ ސަބަބުން ބްރިޖަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވަނީ، ބްރިޖު އެޅި ޗައިނާގެ ސެކަންޑް ހާބަރު އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ބްރިޖު އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ބްރިޖުގެ މައިގަނޑު ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، ލިބިފައިވަނީ މަތީ ފަށަލައަށް ލިބުނު ކުދިކުދި ސްކްރެޗްތަކެއް ކަމަށެވެ. އެ ގެއްލުންތައް ޗައިނާގެ ހިލޭ އެހީގެ އެއްބަސްވުމުގެ ދަށުން އެސްއެޗްއީސީން މަރާމާތު ކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
