ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް އެ ރަށުން ބިން ދޫކުރުމުގެ ކަންކަން ހުއްޓުވުމަށް ހަނިމާދޫ ކައުންސިލުން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ހިރިމަރަދޫގެ އާބާދީ މަދުވުމުގެ ސަބަބުން އެ ރަށުގައި ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުމަށް މި ސަރުކާރުން ނިންމައި އަމަލީ މަސައްކަތްތައް ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ.

އެގޮތުން މިދިޔަ ހަފުތާގައި ހަނިމާދޫ ބަޔަކު ވަނީ އެ ރަށުގައި މިހާރު ހަދާފައި އޮތް ލޭންޑް ޔޫސް ޕްލޭނާ ހިލާފަށް ހިރިމަރަދޫ ރައްޔިތުންނަށް ގޯތި ދޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައެވެ. އެ މީހުން ގޮވާލީ ހަނިމާދޫ ރައްޔިތުންނަށް ވެފައިވާ ވައުދާ އެއް ގޮތަށް އެ ބިމުން 600 ގޯތި ކަންތައް ހަމަޖެއްސުމަށް ފަހު ނޫނީ އެހެން ބަޔަކަށް ގޯތި ނުދެވޭނެ ކަމަށެވެ.

ހަނިމާދޫގައި މިހާރު ގޯތި ބޭނުންވެފައިތިބި ރައްޔިތުންނާއި ހިރިމަރަދޫއިން ހަނިމާދޫއަށް ބަދަލުކުރާ ރައްޔިތުންނަށް ގޯތި ދިނުމާ ގުޅިޮގެން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

މި ކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، ހަނިމާދޫ އިން ބިން ދޫކުރުމާ ގުޅޭ ގޮތުން ފުލުހުންނަށް ރިޕޯޓްކުރި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. މި މައްސަލ ބެލުމުން އެނގުނީ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުން ހުރި ކަމެއް ކަމަށާއި އެކަމުގައި ޖިނާއީ ކުށެއް ހިނގާފައި ނުވާ ކަމަށެވެ.

އަދި މި މައްސަލައިގައި މަދަނީ ހައްލެއް ހޯދަން ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

2016 ވަނަ އަހަރުން ފެށިގެން އެ ރަށު މީހުން ހިޖުރަ ކުރަން ބޭނުންވެގެން މަސައްކަތްތަކެއް ފެށިއެވެ. ނަމަވެސް އެދެވޭ އެއްބާރުލުމެއް ސަރުކާރުގެ ފަރާތުން ނުލިިބި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށު ރައްޔިތުން ހަނިމާދޫ އަށް ބަދަލު ކުރަން ނިންމާފައެވެ.

ޖުމްލަ 585 މީހުންގެ އާބާދިއެއް އޮތް ހިރިމަރަދޫގައި މި ވަގުތު ދިރިއުޅެމުން އަންނަނީ 229 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 52 ކުޑަކުދިންނާއި 65 އަހަރުން މަތީގެ 28 މީހުންނެވެ. ޒުވާނުންގެ ތެރެއިން މި ވަގުތު ރަށުގައި ދިރިއުޅޭ މީހުންނަށް ބަލާލާއިރު، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުން ވަރަށް މަދެވެ.