ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަލީ ވަހީދުގެ ޝަރީއަތް ނުހިންގޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ބުނެފިއެވެ.

ޕީޖީ އިން ބުނީ ކޮވިޑްގެ ހާލަތާ ގުޅިގެން ޝަރީއަތް ކުރުމާ ގުޅޭ ހާއްސަ އިޖުރާތުގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ހިންގުން ހުއްދަކުރާ 12 ހާލަތެއް އޮންނަ ކަމަށާ އެއިން އެއްވެސް ހާލަތަކަށް އަލީވަހީދުގެ ހާލަތު ނުފެތޭތީ މި ޝަރީއަތަކީ މިގޮތަށް ހިންގޭނެ ޝަރީއަތެއް ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ގަސްދުކުރާ ކަމަށާ އިސްތިއުނާފު ކުރެވޭނީ އެކަމާބެހޭ ލިޔުންތައް ގާޒީ ހަސަން ސައީދު ޕީޖީ އޮފީހަށް ފޮނުވުމުން ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އިން ބުނީ އަލީ ވަހީދު ޝަރީއަތުގައި ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވެފައި ވަނީ ކޮން ތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތެއް ބޭއްވި ފުރަތަމަ ފަހަރުކަމަށާ މިކަން ވެފައި އޮތް ގޮތް ސާފުކުރުމަށް ގާޒީއާ ސުވާލު ކުރިމަތިކުރެވިފައި ވާނޭ ކަމަށްވެސް ޕީޖީ އިން ބުނެއެވެ.

މިގޮތަށް ޝަރީއަތް ބޭއްވުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ނުހިންގޭނެ ކަމަށް ބުނެ ޕީޖީ އިއުތިރާޒު ކުރުމުން އެކަމުގައި ކޯޓުން ގޮތެއް ކަނޑައަޅާފައި ވާކަމަށާ، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެ ކަމަށް ހަސަން ސައީދު ވިދާޅުވެފައި ވާކަމަށް ޕީޖީ އިން ބުނެއެވެ. ގާޒީ ހަސަން ސައީދަށް ލާފާއަރުވާފައި ވަނީ އިސްގާޒީ އަހުމަދު ޝަކީލުކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވުމުން، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިންމާފައިވާ ކަމެއްގައި އިސްގާޒީ އަހުމަދު ޝަކީލަށް ލަފާ ނޭރުއްވޭނެ ކަމަށާ އެކަންވެސް ލިޔުމުން ޕީޖީއަށް އަންގަން ބުނުމުންވެސް ލިޔުން ފޮނުވާފައި ނުވާކަމަށް ޕީޖީން ބުނެއެވެ. އަދި ޝަރީއަތުގެ ނިންމުންތައް މައްސަލައިގައި ހިމެނޭ 2 ފަރާތާ ހިއްސާކުރަން އޮތް ނަމަވެސް އެ ލިޔުންތައް ޕީޖީއާ ހިއްސާކޮށްފައި ނުވާކަން ޕީޖީން ފާހަގަ ކުރެއެވެ.

އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި ފެބްރުއަރީ 09، 2021 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ވާނަމަ އެ ހުށައެޅުން ހުށައެޅުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށާ އެ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ދައުލަތުން ހުށަހެޅުން ހުށަހަޅާފައި ވީނަމަވެސް އަލީ ވަހީދުގެ ފަރާތުން ހުށަހަޅާފައި ނުވާކަން ޕީޖީން ފާހަގަ ކުރެއެވެ. އަދި 3 މަސް ފާއިތުވެގެން ދިޔަ ފަހުން މިމަހު 10 ވަނަ ދުވަހު އަލީ ވަހީދުގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅިކަމަށް ބުނި ނަމަވެސް އެ ލިބިފައި ނުވާކަމަށް ޝަރީއަތުގައި ގާޒީ ވިދާޅުވި ކަމަށެވެ.

ގާނޫނުގައި ޖިނާއީ އިޖުރާތުގެ ގަވާއިދުގެ 117 ވަނަ މާއްދާގެ (ނ) ގައި ވާގޮތުން އެކަމަށް އިތުރު ފުރުސަތު ނުދެވޭނެ ކަމަށް ބަޔާން ކޮށްފައި ވީ ހިނދުވެސް ޝަރީއަތުން އަލީ ވަހީދަށް 5 ދުވަހުގެ މުއްދަތެއް ދިނުމަށް ގާޒީ ވަނީ ނިންމަވާފައެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކޮށްފައި ވާކަމުގެ ތުހުމަތުގައެވެ. އަދި އަލީވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކަކީ ރޭޕް ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ އަނިޔާއެއް ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ އަމަލެއް ހިންގުމަށް އެދުމުގެ 2 ދައުވާއަކާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަނެއް ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާކުރުމާ އަދި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.