ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ޖިންސީގޯނާގެ މައްސަލައިގައި އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމަހުގެ 12 ވަނަ ދުވަހު އެމީހާގެ ބަންދަށް 10 ދުވަސް ޖަހައިފައި ވާއިރު އެ 10 ދުވަސް ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ.
އޭނާގެ މައްޗަށް ކޯޓުން ކުރި އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ބެލެވޭ ފަދަ ސަބަބު ހުރި ކަމަށެވެ. އެހެން ނަމަވެސް ޝަރުތުކޮށް ދޫކޮށްލުމަށް އިއުތިރާޒު ނުކުރާ ކަމަށް ފުލުހުން ބުނެފައި ވާކަމަށް އެ އަމުރުގައި ވެއެވެ.
އެހެންކަމުން އޭނާ ބަންދުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ފުލުހުންނަށް އަމުރު ކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ކޯޓުގައި ބުނެފައި ވަނީ އެކުއްޖާއާއެކު އެމީހާ ބަދުއަހުލާގީ އަމަލު ހިންގައިފައި ވާކަމަށް ބެލެވޭ ކަމަށާ، އެކުއްޖާ ފެނިފައި ވަނީވެސް އެމީހާގެ ކޮޓަރިތެރެއިން ކަމަށެވެ. އަދިހަމަ އެހެންމެ އެ މީހާއަކީ އެކުއްޖާއަށް ކަންތައްތަކެއް ކޮށްދޭ މީހެއް ކަމަށާ އެކުއްޖާ ގުރޫމް ކުރުމަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ފަދަ ހެކިތަކެއް ވެސް ފުލުހުން ހުށައަޅައިފައި ވާ ކަމަށް އެ އަމުރުގައި ބުނެފައި ވެއެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ އެ ފިރިހެންމީހާ އަކީ ކުށުގެ ރިކޯޑުވެސް އޮތް މީހެއް ކަމަށާ މަސްތުވާތަކެތި ބޭނުން ކުރުމާ މާރާމާރީގެ ރެކޯޑް އެބަ އޮތް ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ކުއްޖާ އަކީ ކުޑަ ކުއްޖެއް ނަމަވެސް، ކުޑަކުދިންނަށް ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލު ތަކަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން، އެމީހާއަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާކަން ކޯޓުން މީގެ ކުރިން ވެސް ވަނީ ފާހަގަ ކޮށްފައެވެ.