ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކާ ގުލިގެން، ހިޔާގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި، ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ހިޔާއާއި އެފަދަ އެހެނިހެން މަރުކަޒުތަކުގައި ތިބޭ ކުދިންނާއި މުވައްޒަފުން އަލިފާނުގެ ހާދިސާއިން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުމަށް ގާނޫނުތަކުން ލާޒިމްކުރި ނަމަވެސް، އެފަދަ އެއްވެސް ވަޞީލަތެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާތަކުން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ނެތުމާއި، އެހެނިހެން ސަބަބުތަކަކާ ހެދި، ހިޔާއަކީ ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް، އޮމްބަޑްސްޕާސަންގެ އޮފީހުން ޖެންޑާ މިނިސްޓްރީއަށް މިދިޔަ މޭ 4 ގައި އަންގާފައިވާނެ ކަމަށާއި، ނަމަވެސް އެ އެންގުމަށް ސަމާލުކަން ދިނުމެއް ނެތި، ހިޔާގައި ކުދިން ބައިތިއްބާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ހަމަ އެހެންމެ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވައިދަށް އަމަލު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން މިފަދަ މަރުކަޒުތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި، އިމަޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް އެކުލަވާލަން ޖެހޭނެ ކަމަށް އޮތް ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް ނުކުރާކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެހެންވެ، ހިޔާގައި މިދިޔަ މޭ 4 އާއި ޖޫން 6 ގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ އިސްވެރިން ޖަވާބުދާރީ ކުރުވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް، ފުލުހުންގެ ކިބައިން އެ އޮފީހުން ވަނީ އެދިފައެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން، އެ އޮފީހުގެ ފަރާތުން ޖެންޑާ މިނިސްޓްރީއަށް ލަފާ އަރުވާފައިވާނެ ކަމަށެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޒިންމާ އަދާކުރުމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި އިސްވެރިންނަށް ލާޒިމްކޮށްފައިވާ ކަންކަން ނުކުރާ ނަމަ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށްވެސް އޮމްބަޑްސްޕާސަން އޮފީހުން ބުންޏެވެ.