ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމަށާއި، މައިންބަފައިންގެ ލޯބިން މަހްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކްރޮސްރޯޑްގައި ކުރިއަށް ދާ "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވެސް އެންމެ މުހިންމީ އާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، އާއިލާގެ ތެރެއިން އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހްސާސް ވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުން ކަމަށެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާ އެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަހްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫން ކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމައާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާއީ އާއިލީ ވެއްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ގާއިމުކޮށް، އެ ކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައި ކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުގައި ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަަށް އަރުވާފައެވެ. "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" ކުރިއަށް ދާނީ، މިއަދާއި މާދަމާ، ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.