ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނަށް ރަޖިސްޓްރީ ކުރަން އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ވަނީ ވަގުތީ ފޯސްޓާ ކުރުމަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަނަށް މި ލިންކު މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެކަމަށް ބުނެފައެވެ.
މި ސެޝަން ކުރިއަށް ދާނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި 10 ފެބްރުއަރީ ވާ ހޮނިހިރު ދުވަހުގެ ރޭ 08:45 ގައެވެ.
ވަގުތީ ގޮތުން ފޮސްޓާ ކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުންކަން ފާހަގަކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ބުނީ އެގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރު ދުވަސް ކަމަށެވެ. އަދި މުއްދަތެއް ކަނޑައަޅައި ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅު ކުރެވި، ކުއްޖާ އަނބުރާ އާއިލާއާއި ހަވާލުކުރެވެން ދެން ވެސް، އާއިލީ ލޯބާއި އަޅާލުން ލިބި އާއިލީ ވެއްޓެއްގަައި ކުއްޖާ ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މިހާރުވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 18 އަހަރުން ދަށުގެ 169 ކުދިން މަރުކަޒު ކުރެވިފައި އެބަތިއްބެވެ. މީގެއިތުރުން ކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ މަހަކު ސަރުކާރުން އެ އާއިލާތަކަށް 5،000 ރުފިޔާ ގެ އިނާޔަތެއް ދޭނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
"ކޮންމެ ކުއްޖަކަށް އާއިލާއެއް" ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ވައުދުފުޅެކެވެ. އެގޮތުން، ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ލޯތްބާއެކު ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމުމަކީ އެމަނިކުފާނުގެ ތަސައްވުރެއްކަން ބަޔާންކޮށްފައި ވެއެވެ.