ށ. ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މާދަމާ ހެނދުނު ޚާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާ، ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރަށް ފުލުހުން ބުނީ ސިއްހީ ފަރުވާ ދިން އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށެވެ.
މި ހާދިސާ ހިނގި ސަރަހައްދު މިހާރު ކޯޑަންކޮށް ބަންދުކޮށްފައިވާއިރު ފުލުހުން ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ގެ ހާއްސަ ޓީމެއް ށ. ފުނަދޫއަށް މިއަދު ހެނދުނު ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
