ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކާ ގުލިގެން، ހިޔާގެ އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.

ހިޔާގެ އިސްވެރިންގެ މައްޗަށް ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވަނީ، އެތަނުގެ އިސްވެރިންގެ އިހުމާލު އޮތް ކަމަށް ބެލެވޭތީވެ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން ފުލުހުންގެ ކައިރީގައި އެކަމަށް އެދުމުންނެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ މިކަމުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ

ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނީ، ހިޔާއާއި އެފަދަ އެހެނިހެން މަރުކަޒުތަކުގައި ތިބޭ ކުދިންނާއި މުވައްޒަފުން އަލިފާނުގެ ހާދިސާއިން ސަލާމަތްކުރުމަށް ބޭނުންވާނެ އާލަތްތައް ހުރުމަށް ގާނޫނުތަކުން ލާޒިމްކުރި ނަމަވެސް، އެފަދަ އެއްވެސް ވަޞީލަތެއް ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންނާއި މީހުން ބައިތިއްބާ އުސޫލު ބަޔާންކުރާ ގަވައިދަށް އަމަލު ކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން މިފަދަ މަރުކަޒުތަކުގެ ރައްކާތެރިކަމުގެ މިންގަނޑާއި، އިމަޖެންސީގެ ހާލަތުގައި ކަންތައް ކުރާނެ ގޮތުގެ އުސޫލުތައް އެކުލަވާލަން ޖެހޭނެ ކަމަށް އޮތް ނަމަވެސް، އެފަދަ އެއްވެސް މަސައްކަތެއް ނުކުރާކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.

އެހެންވެ، ކުޑަކުދިންގެ ހިޔާގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ހާމަވެފައެވެ.