ރާއްޖެއަށް ހައްޖު ކޯޓާ ލިބިއްޖެނަމަ އެކޯޓާ ދޫކުރާނީ ހައްޖު ކޯޕަރޭޝަނަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ޒާހިރު އެހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައިއެވެ.
އެގޮތުން ޒާހިރު ވިދާޅުވީ ގްރޫޕްތަކަށް ކޯޓާ ދީގެން ހައްޖައް މީހުން ގެންދިއުމުގެ ފުރުސަތު ހަނިކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ރާއްޖެއިން މީހުން ހައްޖަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަ ކަމަށް ޒާހިރު ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖެއަށް ކޯޓާ ލިބުނު ކަމުގައިވީ ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް ކޯޓާގެ އަދަދު މަދުވާނެ ކަން ޒާހިރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޒާހިރު ވިދާޅުވީ ފަހުވަގުތުގައި ކޯޓާ ލިބުނު ނަމަވެސް ރާއްޖެއިން މީހުން ހައްޖަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް އެކޯޓާގައި ހައްޖަށް ފޮނުވާނީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކަމަށް ޒާހިރު ވިދާޅުވިއެވެ.
އެހެން އަހަރުތަކުގައި ރާއްޖެއަށް ލިބޭ ކޯޓާގެ ދެބައިކުޅަ އެއްބައި އަމިއްލަ ޖަމާއަތްތަކަށް ދިން އެހެންނަމަވެސް މިއަހަރުގެ މި ދަނޑިވަޅަށް ބަލާ ވަގުތު ކުޑަތަންވުމުގެ ސަބަބުން ޖަމާއަތްތަކުގެ ބެލުމުގެ ދަށުން ހައްޖަށް ދާން އުނދަގޫވާނެ ކަން ޒާހިރު ވަނީ ފާހަގަކުރައްވާފައެވެ.