ކޮވިޑް ބަލިޖެހިގެން ފަރުވާ ހޯދުމަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރާ އުމުރުން ދުވަސްވީ މީހުން ގިނައެވެ. މި ބަލީގައި ބޮޑުވަރު ވަނީވެސް އުމުރުން ދުވަސް ވީ މީހުންނަށާއި ހަކުރުބަލި، ހިތުގެ ބަލި، ލޭ މައްޗަށް ދިއުން ފަދަ ބަލިތަކަށް ބޭސް ކުރާ މީހުންނަށެވެ. މިފަދަ ބަލި މީހުންގެ ދިފާއީ ނިޒާމު ދަށް ކޮށްލާ އިރު އެ މީހުންނަކީ ކޮވިޑް ޖެހުމުން އެންމެ ނުރައްކާ ހާލަތަށް ދާނެ މީހުން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 150 އަށް އަރާފައެވެ. އޭގެ ތެރެއިން މި މަހު މަރުވި މީހުންގެ އަދަދު 76 އަށް އަރައެވެ. ބަލީގައި މަރުވި ގިނަ މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހުން ކަމަށް ވާއިރު ދާދި ފަހުން ވަނީ މި ބަލީގައި ފަރުވާ ހޯދަމުން ދިޔަ މީހެއްގެ އެހީތެރިއަކަށް ބަހައްޓާފައި ހުރި ބިދޭސީއަކު ބަލި މީހާއަށް އަނީޔާ ކުރާ މައްސަލައެއް ވެސް ފެންމަތި ވެފައެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައި ވާ ދަނޑިވަޅުގައި ބަލި މީހާއަސް އާއިލާއިން ނުވަތަ ދަރިން އަޅާ ނުލާ މައްސަލަތަކާ ގުޅޭ ގޮތުންވެސް ސޯޝަލް މީޑިއާގައި އެކި ވާހަކަތައް މީހުން އަންނަނީ ހިއްސާ ކުރަމުންނެވެވެ. އެ ގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދި އުމުރުން ދުވަސްވީ ފިރިހެނެއްގެ އެހީތެރިއަކަށް އެ ފެސިލިޓީއަށް ދިޔަ މީހަކު، އޭނާއަށް ފެނުނު މަންޒަރުތަކާއި އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާ ކުރިއެވެ.
އެ ބޭބެގެ މަރުވެގެން ދިޔައިރު ވެސް އާއިލާގެ އެއްވެސް މީހަކު ނާދޭ!
'ދަ ޕްރެސް' އަށް މައުލޫމާތު ހިއްސާ ކުރަމުން އޭނާ ބުނީ، އޭނާގެ ބައްޕަ ކޮވިޑަށް ފަރުވާ ދިނުމަށް ބާއްވައިގެން އުޅުނީ މިދިޔަ އަހަރު ނިމުމާ ގާތްވެފައި ވަނިކޮށް ކަމަށެވެ. އޭނާގެ ބައްޕަ އެޑްމިޓް ކޮށްފައިވާ ވޯޑުގައި އެހީތެރިއަކާ ނުލައި އޮތް ދެ ބޭބެއެއް (އުމުރުން ދުވަސް ވީ ދެ ފިރިހެނުން) އޮތް ކަމަށް އޭނާ ބުނެއެވެ. އެކަކަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. ހިތުގެ ބައްޔާއި ހަކުރު ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އެމީހާ އަކީ ޑައިލިސިސް ވެސް ހަދާ މީހެއް ކަމަށް އޭނާ ބުނެއެވެ.
ނޭވާ ނުލެވި ހަށިގަނޑުގައި ވޭން އަޅާ ވަގުތުތަކުގައި އެ ބޭބެ، މީހެއްގެ ނަމުން ބާރަށް ގޮވާ ހަދާ ކަމަށް އޭނާ ބުނެއެވެ. އަދި އެ ނަމުން ގޮވާތީ ކައިރިއަށް ގޮސް ބޭބެ ތި ގޮވަނީ ކާކަށް ތޯ އަހާ ސުވާލު ކޮށްލީމައި އެބޭބެ އިސްޖަހާލާފައި ބުނަނީ "މި ގޮވަނީ އަހަރެންގެ ދަރިއަކަށް" ކަމަށެވެ. އެހިސާބުން ނަރުހުން ކައިރިއަށް ގޮސް އެމީހާގެ އެހީތެރިއަކަށް ގުޅާ ނުލަނީ ތޯ އޭނާ ސުވާލުކުރިކަމަށް ބުނެއެވެ. ޖަވާބުގައި ނަރުސް ކުދިން ބުނީ އެހީތެރިއާ ކަމަށް ދީފައި އޮންނަ ނަންބަރަށް ގުޅުމުން ޖަވާބެއް ނުދޭ ކަމަށެވެ. އެހެންކަމުން ނަރުސް ކުދިން ކައިރީ ބުނެގެން އެ މޯބައިލް ނަންބަރު ނޯޓު ކޮށް ގުޅަން މަސައްކަތް ކުރި ކަމަށް އެމީހާ ބުނެއެވެ. ކޯލް ރިންގް ވޭވޭ ގޮސް ކެނޑޭ އިރު ވެސް އެ ފޯނަކަށް ޖަވާބެއް ނުދެއެވެ.
އެ ފެސިލިޓީއަށް ގެންދާ ގިނަ ދުވަސްވީ މީހުންގެ އެހީތެރިން އަޅާ ނުލާ ކަމަށް އޭނާ ބުނެއެވެ. ބޭނުންވާ ސާމާނު ވެސް ނުފޮނުވާ ކަމަށާއި ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އާއިލާއިން އަޅާ ނުލާ އޮތް އިތުރު ބަލި މީހަކު އުޅުނު ގޮތުގެ ވާހަކަ ހިއްސާ ކުރަމުން އޭނާ ބުނީ، އެއްރެއަކު ދަންވަރު އެންމެން ނިދާ ވޯޑު ތެރެ ހަމަހިމޭން ކޮށް އޮއްވާ އެމީހާ ތެދުވެ އެނދުގައި އިށީން ކަމަށެވެ. ފޯނާ ކުޅެން ހުރެ އެމީހާއާ ދިމާއަށް ބަލާލި އިރު އެ ބޭބެ ކައިރިގައި މީހަކު ހުރުމުން ހަރަކާތް ކުރާ ގޮތަށް ހަރަކާތް ކުރަން ފެށި ކަމަށް އޭނާ ބުނެއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ދަރިފުޅުގެ ނަމުން މުހާތަބުކޮށް ކަން އެނގުނު ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ އެނދު ކައިރީ އެއްވެސް މީހަކު ނެތް ކަން ކަށަވަރު ކަމަށް އޭނާ ބުނެއެވެ.
މިހާރު ފެސިލީޓީ ފުރޭތީ ބައިސްޓޭންޑާ ނުވައްދަން: އެޗްއެމްއެފް
ކޮވިޑް ބަލިޖެހިގެން ހުޅުމާޅޭގައި ހުންނަ ފެސިލިޓީއަށް ގެންދާ ބަލި މީހުން ގިނަ ވެފައިވާ އިރު މި ވަގުތު އެ ފެސިލިޓީގައި ބަލި މީހުން އެޑްމިޓް ކޮށްފައި ވާ ގިނަ ވޯޑުތައް ވަނީ ފުރިފައެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު މި ބަލީގައި މަރުވަމުން އަންނަ އިރު، އެންމެ ގިނައިން މި ބަލީގައި މަރުވާ މީހުން ފެންނަނީ ވެސް އެ ފެސިލިޓީގައި ފަރުވާ ދޭ މީހުންނަށެވެ.
މި ފަދަ މައްސަލަތައް ފެންމަތިވެގެން އަންނަ އިރު ގިނަ ބަޔަކު ސުވާލު އުފައްދަނީ އެ ފެސިލިޓީން ފަރުވާ ހޯދާ ގިނަ ބަޔަކު މަރުވުމަކީ ސިއްހީ ފަރުވާ ދިނުމުގައި ގޮންޖެހުން ތަކެއް ހުރިކަން ދައްކުވައި ދޭ ހެއްކެއްގެ ގޮތުގައެވެ. އަދި އެ ފެސިލިޓީގައި ހިދުމަތް ރަނގަޅަށް ނުދެވެނީ ކަމަށް ގަބޫލު ކުރާ މީހުން މަދެއް ވެސް ނޫނެވެ.
މިވަގުތު ބަލި 172 މީހަކު އެޑްމިޓްކޮށްފައި އޮތް އިރު 9 މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ބަލި މީހުންނަށް އެހީތެރިން އަޅާ ނުލާ މައްސަލައާ ގުޅިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީން ބުނީ، މިހާރު އެ ފެސިލިޓީއަށް އެހީތެރިން ނުވައްދާ ކަމަށެވެ. ހާއްސަ ހާލަތެއްގައި މެނުވީ އެހީތެރިއަކު ވެއްދުން ހުއްޓާލީ އެޑްމިޓް ކުރާ ބަލި މީހުން އިތުރުވެ ތަން ފުރެން ފެށި ހިސާބުން ކަމަށެވެ.
އެޑްމިޓް ކުރާ ބަލި މީހުންގެ އެހީތެރިން ވެއްދި އިރު ވެސް ބައެއް މީހުންގެ އެހީތެރިން ނުތިބޭ ކަމަށާއި ނަމަވެސް ދީފައިވާ އެމަޖެންސީ ނަންބަރަށް ގުޅަނީ އެމަޖެންސީ ހާލަތެއް މެދުވެރި ވާ ހާލަތުގައި ކަމަށެވެ. ގިނައިން އެހީތެރިންނަށް ގުޅުމުން ފޯނަށް ޖަވާބު ދޭ ކަމަށް އެ ފެސިލިޓީން ބުނެއެވެ. އަދި ކުރިން ބުނި ފަދަ ކޭސްއެއް ރިޕޯޓުކޮށްފައި ނުވާ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.
ބަލިމީހާގެ މައުލޫމާތު އާއިލާއަށް ހިއްސާ ކުރުމުގައި ދަތިތަކެއް!
ކޮވިޑް ޖެހިގެން ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިވަގުތު ކޮންމެ ބަލި މީހަކަށް ބައިސްޓޭންޑާއެއް (އެހީތެރިއެއް) ނުހުރެއެވެ. އެހެންކަމުން މި ވަގުތު އެތަނުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންގެ ހާލު ބަލަން މީހުން އެ ފެސިލީޓި ކައިރިއަށް ދާ ކަމަށާއި އަދި ފެސިލިޓީއަށް ގުޅާ ކަމަށް ބުނެއެވެ. ފެސިލިޓީން ބަލިމީހާގެ މައުލޫމާތު އާއިލާއަށް ފޯރުކޮށް ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އާއިލާ މީހުން ފެސިލިޓީ ބޭރުގައި މަޑުކޮށްގެން ވެސް ބަލި މީހާގެ ހާލަތު ސާފު ނުވެ އެތައް އިރަކު ތިބެން ޖެހޭ ކަމަށް ވެސް ބުނެއެވެ.
- ފެސިލިޓީގެ ޖާގަ: 274 އެނދާއި 3 ޑައިލިސިސް އެނދު
- މިވަގުތު ފަރުވާ ހޯދަމުންދާ ބަލި މީހުން: 171
- އައިސީޔޫގައި ތިބި ބަލި މީހުން: 9
- ޑޮކްޓަރުން: 34
- ނަރުހުން: 122
- ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ މީހުން: 77
މިކަމާ ގުޅިގެން އެ ސެންޓަރުން ބުނީ، މި ވަގުތު ބަލި މީހުންގެ ހާލު ބެލުމަށް އެ ސެންޓަރުގައި ހޮޓްލައިން ނަންބަރެއް ގާއިމު ކޮށްފައި ވާ ކަމަށެވެ. އެ ނަންބަރުން ޖަވާބު ދޭން ހުންނާނީ އެންމެ މީހެއް ކަމަށާއި އެއް ޕޭޝަންޓްގެ މައުލޫމާތު ހޯދުމަށް ފަހުން އާއިލާއަށް އެ މައުލޫމާތު ހިއްސާ ކުރަން ވަގުތު ނަގާ ކަމަށެވެ. އެހީތެރިޔާގެ މައުލޫމާތު ހޯދަން ގުޅުމުން ފޯނަށް ޖަވާބު ދޭން ހުންނަ މުވައްޒަފު އެތެރެއަށް ގުޅައިގެން ބަލި މީހާގެ މައުލޫމާތު ސާފު ކުރާ ކަމަށާއި އެއަށް ފަހު އާއިލާއަށް އެ މައުލޫމާތު ހިއްސާ ކުރާ ކަމަށް އެޗްއެމްއެފުން ބުނެއެވެ.
ކޮވިޑް ބަލީގައި މަރުވާ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން!
އުމުރުން ދުވަސްވީ މީހުންނަކީ މި ބަލީގައި ބޮޑުވަރުވާ މީހުންނެވެ. އަދި މިފަދަ މީހުންނަކީ ވެކްސިން ޖަހަން ޖެހޭ ބައެއް ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ. މިވަގުތު ގިނަ ބަޔަކު ކޮވިޑް ބަލީގައި މަރުވަމުން އަންނަ އިރު، ގިނައީ ވެކްސިން ނުޖަހާ މީހުންނެވެ. އެކަން ހުޅުމާލެ މެޑިކަލް ފެސިލިޓީން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރުކޮށް ދީފައެވެ. ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށާއި އަދި އަނެއްބައި މީހުންނަކީ ވެކްސިންގެ އެއް ޑޯޒް ފުރިހަމަ ކޮށް ދެވަނަ ޑޯޒް ނުޖަހާ މީހުން ކަމަށް އެ ފެސިލިޓީން ބުނެއެވެ.
ކަން މިހެން އޮތް އިރު އުމުރުން ދުވަސްވީ ބަލި މީހުންނަށް އިހުމާލު އެންމެ ބޮޑަށް މިވެވެނީ އެ މީހުންގެ އާއިލާ ނުވަތަ ބަލަދުވެރިން ނޫންހެއްޔެވެ. އުމުރުން ދުވަސްވީ މީހާ އަކީ ކޮންމެވެސް މީހެއްގެ މަންމަ، ބައްޕަ، ކާފަ ނުވަތަ މާމައެވެ. އެފަރާތަތަކަށް ވެކްސިން ޖަހާފައިވާ ކަން ޔަގީން ކުރުމަކީ ދަރިންގެ ޒިނާމާއެއް ނޫންހެއްޔެވެ. އަދި އެ ފަރާތްތައް ބައްޔަށް ހުށަހެޅުން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވެސް ދަރިންގެ ޒިންމާއެއް ނޫންހެއްޔެވެ.
"ގެއްލިއްޖެ ދުވަހަކީ އަނބުރާ އަންނާނެ ދުވަހެއް" ނޫނޭ ބުނެ އުޅޭ ހެން އާއިލާ މެންބަރަކު މި ބަލީގައި މަރުވެގެން ދިއުމަށް ފަހު ދެން އެނބުރި އެއް ނާންނާނެއެވެ. މި ވަގުތަކީ އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މައިންބަފައިން ރައްކާތެރި ކުރުމަށް މުޅި އާއިލާގައި ތިބި ވެކްސިން ޖެހޭ އުމުރު ފުރާގެ އެންމެން ވެކްސިން ޖަހައި އާއިލާއަށް ރައްކާތެރި ކަމުގެ އައްޑަނަ ނަގަން ޖެހޭ ވަގުތެވެ. ކޮވިޑް ބަލި ޖެހޭ އާއިލާގެ މެންބަރުންނަށް އަޅާލައި ހާލު ބަލައި ގުޅައިގެން ވާހަކަ ދައްކާ، އެމީހުން ހިތްހަމަ ޖައްސައި ދިނުމަކީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމުގައި ހަދާށެވެ.