އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް ޖެނެރަލް އޮފީހެއް ހުޅުވަން އިންޑިއާގެ ޔޫނިއަން ކެބިނެޓުން ފާސްކޮށްފިއެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ޗެއާޕާސަން ކަން ކުރައްވާ ޔޫނިއަން ކެބިނެޓުން ވަނީ މި ހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް ފާސްކޮށްފައެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ހަރުދަނާވުމުގެ އިތުރުން ޑިޕްލޮމެޓިކް ބޭނުންތަކަށް ރާއްޖޭގައި އުޅޭ އިންޑިއާ މީހުންގެ އަދަދު އިތުރު ކުރެވޭނެ ކަމަށެވެ.

އަދި ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ވަރުގަދަވުމުން ރާއްޖޭގެ ބާޒާރުތަކުގައި އިންޑިއާގެ ކުންފުނިތަކަށް ހުންނަ ފުރުސަތުތައް ވެސް އިތުރުކުރެވޭނެ ކަމަށް ވެސް އިންޑިއާގެ މީޑިއާއިން ވަނީ ބުނެފައެވެ. މިކަމުން އިންޑިއާގެ އިޤްތިސާދާއި ވަޒީފާގެ ބާޒާރަށް ސީދާ ފައިދާތަކެއް ކުރާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ހުޅުވުމަށް އެގައުމުން ނިންމި ނަމަވެސް މިކަން އަދި ދިވެހި ސަރުކާރުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ވެސް އައްޑޫގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މީގެ ތެރޭގައި އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން އައްޑޫގައި އަޅާ ފުލުހުންގެ ޓްރޭނިން ސްކޫލްވެސް ހަދަމުން ދަނީ އިންޑިއާގެ އެހީގައެވެ.