މި މަހު 6 ވަނަ ދުވަހު ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ މި ރާއްޖޭގައި ފަހުގެ ތާރީހެއްގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ. މިހާދިސާ އާ ގުޅިގެން އެތައް ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައި ވާއިރު އެންމެން ވެސް ސުވާލު ކުރަނީ، އެ ނުރައްކާތެރި ހަމަލާ ރާވާ، އިންތިޒާމުކޮށް، ބޮން ގޮއްވާލި އިރު އެކަން ދިވެހި ސަލާމަތީ ބާރުތަަކަށް ނޭނގެއޭ ބުނާތީއެވެ. އެއްބަޔަކު ޝައްކުގެ ނަޒަރުން އެވާހަކަ ދައްކާ އިރު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުން ދާ ތަހުގީގުގެ މުޅި މިސްރާހު "ހަރުކަށި ފިކުރާ" ހަމައިން ނިންމާލަނީތޯ ބައެއް އާންމުން ސުވާލު ކުރެއެވެ.
އެ ހަމަލާއަކީ "ބަތްކައްކާ ކުޅޭހެން" ކޮށްފައި އޮތް ކަމެއް ނޫނެވެ. އަލުގަނޑަކީ އިންވެސްޓިގޭޓަރަކަށް ނުވިޔަސް، އެ ފަދަ ހަމަލާއަކީ އިއްޔެ އަކު ނުވަތަ އިހަށް ދުވަހަކު ރާވާ ހިންގި ކަމެއް ނޫންކަމަށް ދަންނަވަން އެނގެއެވެ. އެތައް ދުވަހަކު ރައީސް ނަޝީދަށް ފާރަލާ، ރައީސް ނަޝީދު އުޅުއްވާ ނޫޅުއްވާ ގޮތްތައް ބަލާ، ބޯކޮޅު ބަލައިގެން ނޫނީ ދެވޭނެ ވަރުގެ ހަމަލާއެއް ނޫން ކަން އެނގެއެވެ.
ހަމަލާއާ ގުޅިގެން ތުހުމަތުކޮށް ހައްޔަރު ކުރި މީހުން
- އަދުހަމް އަހުމަދު ރަޝީދު/ ވ. ތިނަދޫ، ހިޔާ، 25އ
- މުޖާޒް އަހްމަދު/ މއ. ފޭރުގެ، 21އ
- ތަހުމީން އަހްމަދު/ ގއ. ކޮނޑޭ، ފޮޅޭމާ، 32އ
- އަހްމަދު ފާތިހު/ ލ. ގަން، ދުންފިނިއުފާ، 23އ އެވެ.
ޕޮލިސް އިންޓެލް
ހައްޔަރު ކުރި 4 މީހުންގެ ތެރެއިން ފާތިހު އަކީ ކުރިން ފުލުހުންގެ ވަޒީފާ އަދާކޮށްފައި ވާ މީހެއް ކަމަށް ފުލުހުން ވަނީ މެއި 19، 2021 ގައި ބުނެފައެވެ. އޭނާ ފުލުހުންގެ ވަޒީފާ ދޫކޮށްލީ ތާ އަދި ވީ އެންމެ 6 މަސް ދުވަހެވެ.
އުފެދޭ ސުވާލަކީ ފުލުހުންގެ އިންޓެލްގައި އުޅުމަށް ފަހު ފާތިހު ވަޒީފާއިން ވަކިވިތާ 6 މަސް ވީ އިރު ހަރުކަށި ފިކުރުގެ އެންމެ ފުނަށް އޭނާ ދިޔައީ ކިހިނެއްތޯއެވެ؟ އެއީ 6 މަސް ކުރީގެ ކަމެއް ކަމަށް ވަންޏާ އެ ހާލަތު ދިމާވަނީ ދަތިއުނދަގޫ ކޮވިޑްގެ މި ޕެންޑަމިކާއެވެ. ޕެންޑަމިކް ދުވަސް ވަރެއްގައި ހަރުކަށި ފިކުރުގެ ތަމްރީނު ހޯދާ އެ ފިކުރުގެ އެންމެ ބޮޑެތި މުއްލާއިންގެ ފުރިހަމަ އިތުބާރު ހޯދާ އެންމެ ފުނަށް ދެވިދާނެ ހެއްޔެވެ؟
ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނާގޮތުން ނަމަ އެ ފިކުރުގެ ތެރެއަށް ވަދެ، އޭގެ ފުނަށް މީހަކަށް ދެވޭނީ ވަރަށް ޒަމާނުންނެވެ. އަދި އެފަދަ ބޮޑެތި ކަންކަމުގައި އެމީހަކު ބައިވެރި ކުރާނީ ވަރަށް ބޮޑު އިތުބާރެއް އުފެދިގެންނެވެ. އެ އިތުބާރަކީ ލައްކަ ގިނަ ގުރުބާނީއާއި މަސައްކަތުން ނޫނީ ލިބޭނެ އެއްޗެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މިއީ ހަގީގަތް ނަމަ، ފާތިހު ޕޮލިސް އިންޓެލްގައި އުޅުނު އިރުވެސް އޭނާ ހުންނާނީ އެފިކުރުގެ ތެރޭގައިތާއެވެ. އޭނާގެ ހަރާކްތަތާއި އުޅުމާއި އޭނާ ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުން އެއީ ޝްކުގެ ނަޒަރުން ބަލަން ޖެހޭ މީހެއްކަން ފުލުހުންނަށް ނޭނގި އޮތީހެއްޔެވެ؟ ނޫނީ ފުލުހުންގެ އިންޓެލްގެ ބައިވެރިވުމެއް މިކަމުގައި އޮތީހެއްޔެވެ؟
ފުލުހުންނަށް އިނގިލި ދިމާ ކުރަނީ ކީއްވެ؟
އޮގަސްޓް 2014 ގައި ވަގަށް ނަގާ މަރާލި ނޫސްވެރިޔާ ރިޟްވާނުގެ މައްސަލައިގެ ރިޕޯޓު އާންމު ކުރި އިރު އެކަމުގައި ފުލުހުންގެ އިންޓެލްގެ ބައިވެރިވުން އޮތެވެ. "ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މީހުންގެ މަރުތައް ތަހުގީގު" ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ތަހުގީގު ރިޕޯޓުުގައި 2 ފުލުހެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެފައި ވެއެވެ. އެ 2 ފުލުހުން އެ ތަހުގީގަށް ހުރަސް އަޅަން އުޅުނު ގޮތް ރިޕޯޓުގައި އޮތެވެ. އަދި އެ 2 ފުލުހުން ހައްޔަރު ކުރަން ސެޕްޓެމްބަރު 5، 2019 ގައި ބަންޑާރަ ނައިބު (އޭޖީ) އިބްރާހިމް ރިއްފަތު ފުލުހުންނަށް އެންގެވުމުންވެސް އެ 2 މީހުން ހައްޔަރެއް ނުކުރެއެވެ. އޭގެ ބަދަލުގައި ސެޕްޓެމްބަރު 6، 2019 ގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނިންމެވީ، އެ ދެމީހުން ސަސްޕެންޑް ކުރާށެވެ.
ނަމަވެސް ފަހުން އޮކްޓޯބަރު 2، 2019 ގައި އެ 2 މީހުން ވަކި ކުރި ނަމަވެސް 2 މީހުންނަކީ ރައީސް ނަޝީދުގެ ކޭސްގައި ހައްރު ކުރި ފާތިހުގެ ގާތް އެކުވެރިން ނޫން ކަމެއްވެސް ނޭނގެއެވެ. ދެންވެސް އިތުރު ސުވާލުތަކެކެވެ. މިދެކޭސްގައި ގުޅުމެއް އެބައޮތް ހެއްޔެވެ؟ މި ދެކޭސް އަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި ކޭސްތަކަށް ވާއިރު ފުލުހުންގެ އިންޓެލް އާއި ހަރުކަށި ފިކުރާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟
ރިޝްވާން ކޭސްއަށް 7 އަހަރު ވެގެން ދިޔަ އިރު އިންސާފުވެރި ތަހުގީގެއް ކުރެވި ރިޟްވާން މައްސަލައިގެ އެންމެ ފުނަށް ދެވިފައެއް ނުވެއެވެ. ކޮމިޝަނަރަކަށް ފަހު ކޮމިޝަނަރެއް ބަދަލުވަމުން ގޮސް މިއަދު ހުންނެވި ސީޕީ ހަމީދަކީ ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުންނަވައި ސިއްރު މައުލޫމާތު ހިއްސާ ކުރަން ނުޖެހޭ ފަރާތަކަށް ހިއްސާ ކުރައްވައިގެން 2012 ގައި ވަޒީފާއިން ވަކި ކުރި ބޭފުޅެކެވެ. އޭނާ ވަޒީފާއިން ވަކި ކުރީ ގޯސްކޮށް ކަމަށް 2018 ގައި ސްޕްރީމް ކޯޓުން ނިންމުމުން އަލުން ވަޒީފާ ވަނީ ރުޖޫއަ ކޮށްފައެވެ.
ހަރުކަށި ފިކުރު ނޫނިއްޔާ ދެން ކޮން ކަމެއް؟
ސުވާލުތައް ހުހެއް ނުވެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ވެރިކަމަށް ދަހިވެތިވެ ހިނގާފައި ހުރި އެތައް ހާދިސާތަކެއް ގުޅުވާލީމައި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަކީ ހަރުކަށިފިކުރަށް ވުރެ ބޭރަށް ފެތުރިފައި އޮތް ކަމަކަށް ނުވެ ހިގައިދާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އިލްޔާސް އިބްރާހިމް ވެރިކަން ހޯއްދަވަން އުޅުއްވި ގޮތާއި، ރާއްޖޭގައި ހިނގާފައި ހުރި ބޮޑެތި ހާދިސާތަކުގައި ސިފައިންގެއަށް ނިސްބަތްވާ ބައެއް މީހުންގެ ބައިވެރިވުން ހުރި ގޮތް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައި ވާ އިރު، ބާރުވެރިކަން ހޯދުމުގައި ސަލާމަތީ ބާރުތައް އިސްތިސްނާ ކުރެވޭކަށް ނެތެވެ.
ނޮވެމްބަރު 3 ގެ ހާދިސާއާއި މި ރިޕޯޓުގައި ފާހަގަ ކުރި ރިޟްވާންގެ ހާދިސާގައިވެސް ސިފައިންގެ އޮފިޝަލުން ހިމެނެއެވެ. ރިޟްވާންގެ ހާދިސާގައި ހިމެނެނީ އޭރުގެ ނައިބު ރައީސް އަހުމަދު އަބީދު އަންގަވައިގެން ރިޟްވާންގެ ޕާސްޕޯޓް ހޯދަން އުޅުނު ސިފައިންގެ މީހެކެވެ.
ސުވާލުތައް އަދިވެސް ކުރިއަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އާ ގުޅިގެން މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އަމާޒުވާ ފާޑުކިޔުން ގިނައެވެ. މާރިޔާގެ އިސްތިއުފާއަށް ގޮވަމުން ދާއިރު، ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަކި "އިންސައިޑް ޖޮބެއް" ކަމަށެވެ. އަދި މާރިޔާއާއި ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ވަނީ ގޮވާލައްވާފައެވެ.
ފާޑުކިޔުންތަކާއެކު ހާދިސާގެ ވާހަކަތައް ނިއުޅެމުން ދިޔަ ވަރަކަށް މާރިޔާއަށް ފާޑުކިޔުން ކުޑައެއް ނުވެއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓްރަށް ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވުމާއި، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެން އެކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރެއްވި ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އިތުރު ސުވާލުތައް އުފެދިގެން ދެއެވެ.
ލަބީބުގެ ވާހަކަތަކާއެކު ގިނަ ބައެއްގެ ފާޑު ކިޔުން މާރިޔާއަށް އަމާޒުވި އިރު މާރިޔާ މަގާމުން ދުރުކުރުމަށް ވެސް ގިނަ ބަޔަކު ގޮވާލިއެވެ. ބައެއް މީހުން ބުނަނީ މާރިޔާ އަކީ ވެސް ރައީސް ކަމަށް ވާދަކުރައްވަން ބޭނުންވާ ބޭފުޅެއް ކަމަށެވެ. މާރިޔާގެ އަތްފުޅުގައި ޑިފެންސް މިނިސްޓްރީ އޮތްއިރު ރައީސް ނަޝީދުގެ ހަމަލާގައި މާރިޔާގެ މަސްލަހަތު އޮތީ ކިހާ ހިސާބެއްގައި ތޯ ވެސް ބައެއް މީހުން ސުވާލު ކުރެއެވެ.
މައްސަލަ ކައްޗާ ދުއްވުން
މިކޭސް އާ ގުޅިގެން ނިއުޅެމުން ދިޔަ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ، ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް އެ ހޮސްޕިޓަލުގެ ފާހާނާއެއްގެ ތެރެއިން ފިސްތޯލައެއް ފެނުނު ވާހަކައެވެ. ސިފައިންގެ މީހަކަށް ބޭއްވުނީ ކަމަށާއި، ދެން މިހާރު އެމީހާ ސަސްޕެންޑްކޮށް މައްސަލަ ބަލާ ވާހަކަ ބުނެފިއެވެ.
އެވަރުން މިކަން ނިމޭ ހެއްޔެވެ. ހަށިފާރަވެރިން ނުވަތަ ސެކިއުރިޓީ ޓްރޭނިން ހަދާފައި ތިބޭ ހަތިޔާރުއެޅި މީހެއްގެ އަތުން ހަނދާން ނެތި ފިސްތޯލައެއް ބޭއްވުނީމައި ސުވާލުތައް ގިނަވެއެވެ. އެ ސުވާލުތަކުގެ މައްޗަށް އުފެދޭ އަނެއް ސުވާލަކީ، ބޮމުގެ އަޑަށް ނަޝީދުގެ ކާރު ޑްރައިވަރުގެ ކަންފަތް ބައްވެ ކާރު ނުދުއްވޭ ވަރަށް ޕެނިކް ވީ ކީއްވެތޯއެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ތަހުގީގު ކުރިއަށް ދާއިރު، ތަހުގީގަށް ހުރަސް އެޅޭ އެއްވެސް ކަމެއް އެއްވެސް މީހަކު ނުކުރަން ސީޕީ ހަމީދު ވަނީ ގޮވާލައްވާފައެވެ.
ސީޕީ އާއި ކަމާބެހޭ އެހެން ފަރާތްތަކުން ވިދާޅުވެފައި ވަނީ ތަހުގީގު ބާރަށް ކުރިއަށް ދާ ކަމަށާއި، ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ސީޕީގެ ވާހަކަ ތަކާއި ނަޝީދުގެ ހިޔާލުފުޅު ފުށޫއަރާތަންވެސް އެބަ ފެނެއެވެ. ނަޝީދުގެ ހިޔަނި އެކައުންޓް "އެލެކްސް އަހުމަދު" އިން ބުނެފައި ވަނީ ކޮންމެ ކަމެއްގެ ކުއްވެރިޔާ އަކީ ރައްޔިތު މީހާކަމަށް ދެކޭނަމަ ދާނީ ފަނުފުލުން ކަމަށެވެ.
ނަޝީދުގެ އެވާހަކައަކީ ތަހުގީގު ކައްޗާ ދާކަމަށް އިޝާރާތް ކުރައްވާ ވާހަކައެއް ކަމަށް ބާރުލިބޭ އެތައް ވާހަކައެއް އެތައް ބަޔަކު ދައްކައެވެ. އެފަދަ އެއް ވާހަކައެއް ވިދާޅުވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުސެން ޝަހީމްއެވެ. އޭނާ ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ އަސްލަކީ ހަމައެކަނި ހަރުކަށިފިކުރުގެ ހަމަލާއެއް ކަމަށް ބެލިދާނެތޯއެވެ. އޭނާ ވިދާޅުވީ ވަށައިގެން ތިލަވާ ކަންކަމާއި ވެށިން ލިބޭ މައުލޫމާތުން އެހެން ކަމެއް ބުނެ ނުދޭހެއްޔެވެ؟
ފަންޑު ކުރީ ކޮން ބައެއް؟
"ކާކުހޭ ފަންޑު ކުރީ" މިއީ ރައީސް ނަޝީދު ވެސް މިހާރު އަބަދު އައްސަވާ އެއް ސުވާލެވެ. ރައީސް ނަޝީދު ވެސް ވިދާޅުވަނީ ފަންޑު ކުރި މީހާ ހޯދަން އަނެއްކާވެސް އެމްއެމްއޭ އާއި އެންސީޓީސީ (ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު) ގާތުން އެހުން އެއީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެ ފަރާތްތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމުގެ ހަބަރު ލިބިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވެއެވެ.
ނަޝީދަށް ދިން ހަމަލާގައި ފަންޑު ކުރީ ކޮންބައެއްތޯ ސިފައިންނާއި ފުލުހުން ކުރެން ނޫސްވެރިންވެސް އެތައް ފަހަރަކު އަހައިފިއެވެ. ނަމަވެސް އެސުވާލުގެ ޖަވާބު އަދިވެސް އޮތީ ފޮރުވިފައެވެ.
ސުވާލުގެ މައްޗަށް ސުވާލު ހުރި އިރު، ކުރިން ހިންގާފައި ހުރި މިފަދަ އެތައް ހާދިސާއަކާ ގުޅޭ ގޮތުން ކުރި ސުވާލުތައްވެސް ހުރީ ހުރި ތާނގައެވެ. ތަހުގީގު ކުރުމަށް އެކިއެކި ނަން ނަމުގައި އިދާރާތައް ހަދާ އެތައް ލޭޔަރަކުން ތަހުގީގު ހިންގައިގެންވެސް ކޮޅެއްގައި ނުޖެއްސެއެވެ.
ރައީސް ނަޝީދުގެ ކޭސްގައި ވެސް އެންމެ ފުނަށް ގޮސް "މާސްޓާ މައިންޑް" ހައްޔަރުކޮށް ޝާރީއަތުގެ ކުރިމައްޗަށް ގެނެވޭނެހެއްޔެވެ؟ އެކަން ނުކުރެވި ކައްޗާ ދުއްވާ މިސްރާބު ގެއްލުވާލުމެ ސަގާފަތުގެ ތެރެއަށް ދާނީ ހެއްޔެވެ؟ ނުފޫޒާއި ބާރުގެ ދަށުވެ ފިތިފައި ތިބޭނީހެއްޔެވެ؟
ނޫނީ އިންޓެލް އަކަށް ނޭނގެއޭ ކިޔާފައި އިތުރު ހާދިސާއެއް ހިނގަންދެން އަނގަނަގައިގެން ތިބޭނީ ހެއްޔެވެ؟
މީހުންގެ ޅ ދަރިންގެ ބޮލުގައި ތުހުމަތު ނާޅުވާ. ނަޝީދު އަމިއްލައަށް ބޮން ގޮއްވާފަ ދީނީ ހަރުކައްޓޭކިޔައިގެން ހިތުހުރި ގޮތަކަށް ކަންކަން ކުރަން އުޅޭތީ މައްސައަކީ. އިނޮސެންޓް މީހުން ހައްޔަރުކޮށް ވެރިކަން ހޯދުމަށް ކޮންމެ ކަމެއްވެސް ކުރާނެ މިނަޝީދު
މިއީ ވަރަށް ތަންދޮރު ނޭގޭ މީހަކު ލިޔެފައިވާ ލިއުމެކޭ ބުނެވިދާނެއެވެ. ސަބަބަކީ މިހަމަލާގައި ގެއްލުން ލިބުނު ފަރާތުން ހާމަކުރި ފޮޓޯތައްވެސް ބަލާ ނުލާ ހުރެފަ ދިގު ހާސަރުތަކެއް ލިޔެފައިވާތީއެވެ.
ކާކުހޭ ފަންޑު ކުރީ
ފައްކާ ލިޔުމެއް. ކުރު ދޮށިން ދީފަ ތި އޮތޯ. ހަމީދާ މާރިޔާ އިސްތިއުފާ ދީ.
ނަޝީދަސް ހަމަލަ ދިނީ ވެރިކަމާހެދި ބޫތުކައިފަ ތިބި ބައެއް. އެމީހުންނަށް އިނގޭ ނަޝިދު ޖަހާލާފަ ނޭރޭނެކަން. އެހެންވެ ދުވަސް ދުއްވާލަން ކުރި ކަމެއް ތީ. ތިކަމުގައި ނަސީދުގެ ހަށިފާށަވެރިންނަށް ވަރަށް ޝައްކު. ބަލަބަލަ އެމީހުންގެ އެކައުންޓްތަކާ އެއްޗެހި.
ތީ ލިޔުމަކީ. ތި ގޮތަށް ހާދިސާ ނިއުޅަ ނުލެވޭ ލިޔުންތަކަކީ ނޫސްތަކުގައި ބޭކާރު ލިޔުންތަކެއް. ތި ލިޔުން ކިޔާލުމުން ވަރަށް ސާފު މަންޒަރު. ސާބަސް ލިޔުންތެރިޔާ
ބަރާބަރު ސުވާލުތަކެއް. ތަހުގީގުގެ މިސްރާބު ބަދަލުވަމުން ދަނީ. ހަރުކަށި ފިކުރަށް ހުސްކޮށްލަނީ. މި މީހުން ހީކުރަނީ ދެން ތިބީ ހުސް ގަމާރުން ކަމަށް. ބަލަ ތި ހަރުކަށިފިކުރޭ ކިޔާ ތުއްތު ކުދިންނަކީ އެކިއެކި ގޭންގްތަކަށް ނިސްބަތްވާ ކުދިން. ގިނައީ ހަކުރާ އެނޫންވެސް ކަންކަމުގައި ޖަލުގައި އުޅެފައި ނުކުންނަ ކުދިން. އެކުދިން ޖަލުން ބޯ ދޮވެގެން ނެރެނީ. ދެން ތިބެނީ ކުޑަކޮށް ދީނީވެފައި. ލާރިކޮޅެއް ވައްޓާލާއިރަށް ބުނާ ކޮންމެ ކަމެއްވެސް ކުރާނެ. އެހެން ތިކަންވެސް ހިނގާފައި އޮންނާނީ. މަޑުކުރޭ ރިޕޯޓު ނެރެންދެން. އެނޫން ގޮތެއް ވޭތޯ.
ހޯދަންވީ އެމީހުން ބޯ ދޮންނަ މީހާ. އެއީ އެމީހަކީ
މި ވާހަކައަށް މަވެސް ތާއީދު. ގިނަ ކުދިން ޖަލުން ނުކުންނަ އިރު ތިބެނީ ބޯ ދޮވެފައި. ދީނީ ވެފައި. ދީނުގައި އޮންނަ ހަމަ ގޮތާއި ނަހަމަ ގޮތް ނޭނގުނަސް ފަތުވާ ދޭ. ރަސޫލު ޒަމާނުގައި ކަންކަން ހިނގާފައި އޮތްގޮތް ކަމަށް އެމީހުން ކިޔަނީ، އެމީހުންނަށް ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ޖަލުން ކިޔައިދީފައި އޮންނަ ގޮތް. އެ ގޮތުގައި ހަރުކަށި ކަން ބޮޑު. ދުނިޔެމަތީގައި ހުރި ހުރިހާ ކަމެއް ކާފަރު ކުރޭ. އުޅެން ޖެހެނީ ޖަމަލުގައި، ފައިކުރި އޮންނަން ޖެހެނީ ކަކުލާ ހަމައިގައި. އެހެން ގޮސް ލައްކަ ކަންކަން އެމީހުން ތިބެނީ ދަސްކޮށްގެން.
100 ގެ ލިޔުމެއް. އެހެންވެ އޭ ބުނަނީ ދަ ޕްރެސް ވަރެއް ނެތޭ. ނަސީދު ފަންޑުކުރާ ނޫހަށް ނޭނގޭ މިކހަލަ އެއްޗެއް ލިޔެލާކަށް
ބޮމާގުޅޭ އިންޓެލް އާއި ފަންޑް ކުރިފަރާތްތައް އެގެނީ ޑރ. ޢަފްރާޝީމްގެ ގާތިލުންނަށް ފަންޑްކުރިފަރާތް ތަކައް