ރާއްޖޭގައި ކޮވިޑްގެ ހާލަތު މިވަނީ ރައްޔިތުންގެ "ފަރުދީ ޒިންމާ" އަދާކުރުމަކުން އެކަނި ނޫން ކަމަށާއި އެންމެ ބޮޑަށް އިސްލާހުކުރަންވީ ސަރުކާރުގެ މިކަމާ ގުޅުންހުރި ހާރިޖީ، ދާހިލީ އަދި އިގްތިސާދީ ސިޔާސަތުކަމަށް ކުރީގެ ހައުސިންގ މިނިސްޓާ އަދި މާލޭ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ސަރުކާރުން ކަންކަން އިސްލާހުކުރަންވެފައި އޮތް ނަމަވެސް، ރައްޔިތުން "ފަރުދީ ޒިންމާ" އަދާކުރުމުގެ މިސާލުދައްކަން ޖެހޭނެ ކަމަށެވެ. އަދި ކަމާބެހޭ ފަރާޓްތަކުން އަންގާ އެންގުނަތަކަށް ބޯލަނބައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާއިގެން ތިބުމަށްވެސް މާލޭ ރައްޔިތުންގެ ކިބައިން މުއިއްޒު ވަނީ އެދިލައްވާފައެވެ.

އިންތިހާބީ މޭޔަރު މިހެން ވިދާޅުވެފައި މިވަނީ މާލޭގެ އިތުރުން އަތޮޅުތެރޭ ރަށްރަށުގައި ކޮވިޑް ކޭސްތައް ދުވަހުން އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ 24 ގަޑީރުތެރޭގައިވެސް ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޭސްތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މާލެ ތެރޭގައާ އަތޮޅުތެރޭގަ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ސިއްހީ ހިދުމަތް ހޯދުމަށާ، ޒަރޫރީ ބޭނުންތަކުގަ ފިޔަވައި އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމާ، މާލެ ސަރަހައްދުގަ ދަންވަރު 12 އިން ފެށިގެން ފަތިހު 04 ކާދެމެދު ވެހިކަލް ދުއްވުން މަނާކުރުމާ އޮފީސްތަކާ ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވާދިނުމަށްވަނީ ފަށާފައެވެ.