ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، 2040 ވަނަ އަހަރާ ހަމައަށް އެކުލަވާލާ 20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމަށްޓަކައި ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގައި މީގެ ކުރިން ސަރުކާރުތައް ބަދަލުވުމާއެކު ފެށިފައި ހުންނަ މަޝްރޫއުތައް ހުއްޓި، ގައުމުގެ މިސްރާބު ބަދަލުވެގެންދިއުމުގެ ސަބަބުން ރައްޔިތުންނަށާ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ. މިއަށް ދާއިމީ ހައްލެއް ގެނެސް، 2040 އާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އެކުލަވާލާ މާސްޓާޕްލޭނަކީ ސިޔާސީ އޮއިވަރުތަކުން ސަލާމަތްވެފައިވާ އެއްޗަކަށް ހެދުމަށްޓަކައި ހާއްސަ ގާނޫނެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި އިތުރު މުހިންމު ކަންތައްތަކުގެ ތެރޭގައި ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކާއެކު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމުގެ 60-70 އިންސައްތަ ނިމިފައިވާކަމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއަށް ސަރުކާރުން ސޮވަރިން ގެރެންޓީއެއް ނުވަތަ ޓެކްސް އިނާޔަތްތަކެއް ނުދޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މިއީ ގިނަ ދަރިވަރުންތަކެއް އިމްތިހާނުތަކުގައި ބައިވެރިވާ ދުވަސްވަރެއްކަމުން، ކިޔެވުމާއި، ކުޅިވަރާއި، ދީނީ ކަންކަން އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް ދަރިވަރުންނަށް ނަސޭހަތްތްތެރިވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި ވަޒީފާގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުންކަމަށެވެ.