މި އަހަރުގެ މަތީ ސާނަވީ (އޭލެވެލް) އަދި އެޗްއެސްސީ އިމްތިހާނު މުޅި ރާއްޖޭގައި މިއަދު ރަސްމީކޮށް ފަށައިފިއެވެ. ޖުމްލަ 4,973 ދަރިވަރުންނާއެކު ކުރިއަށްދާ މި އިމްތިހާނު އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މާލޭ ސަރަހައްދުން އޭލެވެލް އިމްތިހާނުގައި 3،284 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 1،357 ދަރިވަރުން ބައިވެރިވެއެވެ. އަދި އަތޮޅުތަކުގެ ސްކޫލްތަކުން އޭލެވެލް އިމްތިހާނުގައި 1،689 ދަރިވަރުން އަދި އެޗްއެސްސީ އިމްތިހާނުގައި 906 ދަރިވަރުން ބައިވެރިވެއެވެ. މި އަހަރުގެ އިމްތިހާނު ކުރިއަށް ދަނީ މުޅި ރާއްޖޭގެ 53 ސެންޓަރެއްގައެވެ. އޭގެ ތެރޭގައި މާލޭ ސަރަހައްދުގެ 4 ސެންޓަރަކާއި އަތޮޅުތަކުގެ 49 ސެންޓަރު ހިމެނެއެވެ.

އޭލެވެލް އިމްތިހާނު ފެށުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދަރިވަރުންނަށް ހެޔޮއެދުންތައް ފޮނުއްވައި، ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މަތީ ސާނަވީ މަރުހަލާއަކީ ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށާއި، މަތީ ތައުލީމު ހާސިލުކުރާނެ ދާއިރާއެއް އިހްތިޔާރުކުރުމަށްު ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.

"އިރާދަކުރެއްވިއްޔާ، މި އިމްތިހާނަށް ތައްޔާރުވުމަށް ތިޔަ ކުދީން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭނެ. މާތްﷲގެ ހެޔޮ ރަހްމަތްފުޅާއެކު، މި އިމްތިހާނުގައި ފަސޭހައިން މޮޅަށް ޖަވާބުދީ، އެންމެން ފަހުރުވެރިވާނެ ރަނގަޅު ނަތީޖާތަކެއް ތިޔަ ކުދީން ގައުމަށް ހޯދައިދޭނެ ކަމަށް އުންމީދު ކުރަން." ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ވަނީ ގްރޭޑް 11 އަދި 12 އަށް ވަނުމުގެ ކްރައިޓީރިއާއަށް ބަދަލުތަކެއް ގެނެސް، މާލޭގެ ސީއެޗްއެސްއީ އަލުން ހުޅުވައި، އަދި އިތުރު 12 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދޭން ފަށައިފައެވެ.