ގައުމަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން ސަލާމަތްވާން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާ ހޯދުމަށް އިދިކޮޅު ކޯލިޝަންގެ ބައެއް ލީޑަރުން ގޮވާލައްވައިފިއެވެ.

އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ގެކޮޅުގައި ހުންނަވާ ދުވަސްތަކުގައި ގައުމު ވެއްޓިފައިވާ އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު އެ މަނިކުފާނުގެ ލަފާ، ސަރުކާރުން ހޯދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ އިގުތިސޯދީ ހާލަތުން އަރައިގަތުމަށް ރައީސް ޔާމީންގެ އެހީއަށް އެދެންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ގެކޮޅުގައި ހުންނަވާ ދުވަސްތަކުގައި ގައުމުގެ ނާޒުކު ހާލަތު ބަދަލު ކުރުމަށް ވަކިން ހާއްސަކޮށް އިގްތިސޯދީ އަނދަވަޅުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާމެދު އެ މަނިކްފާނުގެ ލަފާފުޅު ސަރުކާރުން ހޯދާނެ ކަމަށް އުންމީދު ކުރަން
ޝިޔާމް

އިދިކޮޅު ލީޑަރުން އެފަދައިން ވިދާޅުވަމުން ގެންދަވާ އިރު މާފުށީ ޖަލުގައި ކޮވިޑް-19 ފެތުރޭތީ ރައީސް ޔާމީން ވަނީ ގެއަށް ބަދަލުކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކަރެކްޝަންސް އިން ހާމަ ކޮށްފައެއް ނުވެއެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކޮށްފައި މިވަނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްދިނުމަށް އެދި އާއިލާ އާއި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގަންނަވާފައި ވާ ދަނޑިވަޅެއްގައެވެ. އަދި ޕާޓީގެ އެކްޓިވިސްޓުން ކެނޑިނޭޅި މަގުމަތީގައި މުޒާހަރާވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.