ޑަމްޕްލިންސް މިއީ ވަރަށް ގިނަ ގައުމުތަކުގެ ކެއުމުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ޑަމްޕްލިންސް އާންމު ގޮތެއްގައި ފެންނަނީ އާވިން ކައްކާ ފުށްކޮޅެއްގެ ތެރެއަށް އަޅާފައިވާ ސްޓަފިން އެެކެވެ. ފުށްކޮޅުގެ އެތެރެއަށް އަޅާފައި ހުންނަނީ ކޮންމެވެސް ކަހަލަ މަސްގަނޑެއް ތައްޔާރު ކުރުމަށް ފަހުއެވެ.
ޑަޕްމްލިންސް އިތުރަށް ފުރިހަމަކޮށްދީ އަނގަޔަށް މީރު ކޮށްލައި ދެނީ ޖައްސާލައިގެން ކާން ބޭނުންކުރާ ސޯސްއެވެ. މި ސޯސް ތައްޔާރު ކުރުމުގައިވެސް ތަފާތު މީހުން ބޭނުން ކުރަނީ ތަފާތު އެއްޗެއްސެވެ. އެއްބަޔަކު ސޯޔާ ސޯސް އާއި މިރުސް ލައިގެން ހަދާއިރު އަނެއް ބަޔަކަށް ކަމުދަނީ ޓޮމާޓޯ ލައިގެމް ހަދާފައި ހުންނަ ސޯސްއެވެ.
ބޭނުންވާތަކެތި:
- 2 ލާހި ފުއް
- 6 އަލުވި (ކައްކާފައި، ކުދި ކޮށް ސްކެއާ ކޮށް ކޮށާފަ ބޭނުންނަމަ ޗަސްކޮށްފަ)
- 1 ދަޅު މަސް (ބޭނުން ނަމަ ކުކުޅު ފެނު ކަށްކާ ކުދިކޮށް ކޮށާފަވެސް ބޭނުން ކުރެވިދާނެ)
- 2 ސައިސަމުސާ އިނގުރު
- 2 ސައިސަމުސާ ލޮނުމެދު
- 2 ސައިސަމުސާ އަސޭމިރުސް
- ލުނބޯ (ރަހަލާވަރަށް)
- 1 ފިޔާ
- މިރުސް (ސޯސް ތައްޔާރު ކުރަން ތޮޅި މިރުސް، މަސްގަނޑަށް ގިތެޔޮ މިރުސް)
- ހިކަނދިފަތް
- ތެޔޮ
- 1 ބިސް
- 6 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
- ހަކުރު (ދެ އިނގިލި ކުރިން ހިފޭ ވަރުގެ ހަކުރު ކޮޅެއް)
- 1/2 ސައިސަމްސާ ރައިސް ވިނިގާ
މަސްގަނޑު ތައްޔާރު ކުރާނެ ގޮތް:
ތެޔޮމަސް ދަޅުގައި ހުރި ތެޔޮފޮދުގެ ތެރެއަށް ހިކަނދިފަތް އަޅައިގެން ފިޔާ މީރުކޮށްފައި، އޭގެ ތެރެއަށް އިނގުރާއި ލޮނުމެދުކޮޅުން އެއްބަޔާއި މަހާއި، އަލުއްވާއި، ގިތެޔޮމިރުހާއި، އަސޭމިރުހާއި ލޮނު ލުމަށް ފަހު އެއްކުރާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް ވަޅޯވުމުން އަލުވި އަޅާ މަސްގަނޑު ހިހޫ ކޮށްލާށެވެ. ލުނބޯ އެޅުމަށް ފަހު، އަނެއްކާ ވެސް ރަނގަޅަށް މޮޑެލުމަށް ފަހު ލޮނުރަހަ ބަލާ ގުޅަ ހަދާށެވެ.
ފުއްގަނޑު ތައްޔާރު ކުރާނެ ގޮތް:
ފުށް ފުރާނައި އޭގެތެރެއަށް ލޮނުކޮޅެއް އަޅާ ބިސް ތަޅާލާށެވެ. އަދި ތެޔޮކޮޅެއްވެސް އަޅާލާށެވެ. ދެން ފުށުގެ ތެރެއަށް މަޑުމަޑުން ހޫނު ފެން އަޅަމުން މޮޑޭށެވެ. ފުށް ރަނގަޅަށް މޮޑެވުމުން ފުށްގަނޑުން މަސްގަނޑު ހަދާފައި ބަހާލާށެވެ.
ބައިބައިކުރި ފުށްގަނޑުގެ ތެރެއިން އެކަތިކޮޅު ނަގާ އަތަށް ލުމަށްފަހު ދެއަތުން ވަށާ އެއަށް ބޯޅައެއްގެ ބައްޓަން ގެންނާށެވެ. ދެން، އިނގިލިތައް ބޭނުންކޮށްގެން ފަތާކޮށްލާނީއެވެ. މަސްގަނޑުގެ އެކަތިކޮޅު ފަތާކުރި ފުށްގަނޑުގެ ތެރެއަށްލާ އިނގިލިތަކުން ރަނގަޅަށް ފުށްގަނޑު ބައްދާށެވެ.
ދެން ގުޅަޖެހުމަށް ފަހު އަތުން އޯވަލް ޝޭޕަށް ފުށްގުޅަ ހެދުމަށް ފަހު ތައްޔާރު ކުރި މަސްތައްް އަޅަމުން ތައްޔާރުކުރަމުން ދާށެވެ. ކުޑަ ފުއްކޮޅެއް މައްޗަށް މަލެއްގޮތަށް ނުވަތަ އައްސާފައި އޮންނަ ގޮތަށް ސިފަ ގެންނާށެވެ. ދެން ތެއްޔަކަށް ހޫނުފެން އެޅުމަށްފަހު ކެކިގަތީމަ ތައްޔާރުކުރި ޑަމްޕްލިންގްސްތައް ފެނަށް އަޅައިގެން ރޯފިލަންދެން ކައްކާލުމަށް ފަހު ފެނުން ނަގާފައި ބަހައްޓާށެވެ.
ސޯސް ތައްޔާރު ކުރާނެ ގޮތް:
ތައްޓަކަށް ސޯޔާ ސޯސް އަޅާ އޭގެ ތެރެއަށް ރަހަލާ ވަރަށް ލޮނުމެދު ކޮޅަކާއި އަސޭމިރުހާއި އިނގުރުކޮޅު ގާނާ އެއްކޮށްލާށެވެ. އަދި އެއަށް ވިނިގާ އާއި ހަކުރުކޮޅު އަޅާ ރަނގަޅަށް ހަކުރުކޮޅު ގިރެންދެން އެއްކޮށްލަށެވެ. އޭގެ ތެރެއަށް ކުޑަ ލުނބޯކޮޅެއްލާ ކޮށި މިރުސްކޮޅު އަޅާލާ އެއްކޮށްލާށެވެ.