ކުޅި ބޯކިބަލަކީ ދިވެހިންގެ ކާ ސުފުރާ މައްޗަށް އާ ރަހައެއް ނޫނެވެ. ވަރަށް އާންމު ކުޅި ރަހައެއް ނަމަވެސް ކުޅި ބޯކިބަލުގެ ތަފާތު އެއްތައް ރަހަތަކެއް ހުރެއެވެ. ދިވެހިން އެތަކެތި ތައްޔާރު ކުމުގައިވެސް ތަފާތު އެތައް ގޮތްތަކެއް ގެންގުޅެއެވެ.
މިފަހަރުގެ "ޕްރެސް ބަދިގެ" އަށް މި ގެނެސްދެނީ މީރު ކޮށް ތައްޔާރު ކުރާ ކުޅި ބޯކިބަލުގެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި:
2 ޖޯޑު ފެން
1 ޖޯޑު ހަނޑޫ
2 ފިޔާ
1-2 ލުނބޯ
1 ގިތެޔޮމިރުސް (ކުޅި)
2-3 ވަޅޯ މަސް (ކުދި ނަމަ)
ބައި ޖޯޑު ނުވަތަ ޖޯޑެއް ހަމަ ނުވާ ހުނި
ބައި ސައިސަމްސާ ރީނދޫ
އިނގުރު ކޮޅެއް (ގާނާފައި)
ރަހަލާ ވަރަށް ލޮނު ކޮޅެއް
ހިކަނދިފަތް ކޮޅެއް
ކުޑަ ތެޔޮކޮޅެއް (އޮލިވް އޮއިލްވެސް ބޭނުން ކުރެވިދާނެ)
ތައްޔާރު ކުރާނެ ގޮތް:
ފަށަން ވާނީ ދިވެހިން އާންމުކޮށް ފަށާ ގޮތަށެވެ. ހަނޑޫ ކޮޅު ރަނގަޅަށް ދޮވެފައި ފެނުއަޅާފައި ބަހައްޓާށެވެ. ގަޑި ދެގަޑި ހާ އިރު ބެހެއްޓުމުން ހަނޑޫ ކޮޅު ހުންނާނީ ރަނގަޅަށް ފޯވެފައެވެ.
ދެން ހަނޑޫ ކޮޅު ނަގާފައި ޖެހޭނީ މުގުރާށެވެ. މާ ހިމުން ނުކޮށް ކުޑަ ރާޅުކަމެއް ހުންނަން ވާނެއެވެ. ދެން ފިޔާކޮޅު ކޮށާފައި މިރުސް ކޮޅާއި ހިނކަދިފަތް ރަނގަޅަށް އެއް ކުރާށެވެެ. ލުނބޯ ހުތް ޖަހަމުން ރަހަ ހެޔޮވަރު ކުރާށެވެ.
ދެން މަސް (ދަޅު މަސް ވެސް ބޭނުން ކުރެވިދާނެ) ހުންޏާއި، އިނގުރާއި ރީނދޫ އަދި ރަހަލާ ވަރަށް ލޮނުކޮޅެއް އަޅާ ރަނގަޅަށް މޮޑެ އެއް ކުރާށެވެ.
މޮޑުމުގެ ކުޑަ ބައި ނިމުނީމައި މުގުރި ހަނޑޫ ކޮޅު އަޅާފައި ރަސްމީ ކޮށް މޮޑެން ވީއެވެ. ހަނޑޫ ކޮޅާއި މޮޑުނު އެހެން އެއްޗެހި ރަނގަޅަށް އެއްވަންދެން މޮޑެން ވާނެއެވެ. އެކަށީގެންވާ ތެތް ކަމެއް ނެތް ނަމަ ކުޑަ ފެންފޮދެއް ޖަހާށެވެ.
މިހާރު ހުންނާނީ ބޯކިބާ ފުއްގަނޑު ތައްޔާރު ކުރެވިފައެވެ. ދެން އަތް ދޮވެލައިގެން އަވަން ހޫނު ކުރަން ޖައްސާށެވެ. މަދުވެގެން 200 ޑިގްރީއަށް ހޫނު ކުރަން ވާނެއެވެ. ދެން ބޯކިބާ ފިހަން ބޭނުންކުރާ ތަވާ / ޓްރޭގައި ކުޑަ ތެޔޮކޮޅެއް ހާކާފައި ތައްޔާރު ކުރާށެވެ.
ތަވާ ތެރޭގައި ފުއްގަނޑު ރަނޅަށް ފަތުރާލަން ވާނެއެވެ. އަވަނަށް ލާ ރޯ ފިލަންދެން ފިހެލީމާ އެ ނިމުނީއެވެ. އާންމުކޮށް 200 ޑިގްރީގައި އާދައިގެ ބޯކިބަލެއް 45 މިނެޓުން ފިހެވޭނެއެވެ.
ބޯކިބާ ފިހެ ނިމުނީމައި ރޯދަ ސުފުރާ މައްޗަށް ނަގަން ވީއެވެ. ބޯކިބާ ކިތަންމެ މީރަސް އަވަނުން ނަގާ ތަނުން އަނގަޔަށް ލައިފިއްޔާ ދޫ ފިހިދާނެއެވެ. ކުޑަކޮށް ހިހޫވެލަން ދެން ބަހައްޓަން ވާނެއެވެ.