މާލެ ސަރަހައްދުގެ މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކުރާ މައްސަލަތަކެއް ފާހަގަ ކުރެވިފައި ވާ ކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިމަހު 12 އަދި 13 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކުރާ މައްސަލަތަކެއް އެކޯޕަރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ކުންޏަކީ، އެ ކޯޕަރޭޝަނުން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތި ކުނި ކަމަށް ވެމްކޯ އިން ވަނީ ފާހަގަ ކޮށްފައެވެ.

ވެމްކޯ އިން ބުނީ ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތްތަކުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ، މާލެ ސަރަހައްދުގައި މިވަގުތު އޮތް ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑް އާ ގުޅިގެން، ހިދުމަތް ހޯދާ އެންމެހާ ފަރުދުންގެ ރައްކާތެރިކަމަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން މި ހާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯ އިން ބުނީ އެފަދަ އަމަލަކީ އެކޯޕަރޭޝަނުން ނުހަނު ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

މިބަރަކާތްތެރި ރަމަޟާންމަހު ރޯދައިގެ މަތިވެރި އަޅުކަމުގައި ތިބޭއިރު، އެކޯޕަރޭޝަންގެ މަސައްކަތަށް ގޭބިސީތަކުން ދައްކަންޖެހޭ އުޖޫރައިގެ މަތިން ހަނދާން ކޮށްދޭ ކަމަށާއި ހިދުމަތަށް ރަޖިސްޓްރީކޮށް، ބަރާބަރަށް ފީދެއްކުމަށް ވެމްކޯއިން އެދިފައި ވެއެވެ.

ވެމްކޯ އިން ބުނީ ކުރިޔަށްދާ ބަރަކާތްތެރި ރަމަޟާން މަހަކީ އެހެން މަސްތަކާ ހިލާފަށް ކުނި ގިނަވާ ދުވަސްވަރެއް ކަމުން، މިމުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވާލެވިފައި ވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ރޭގަނޑުގެ 08:00 އިން 11:00 އާއި ދެމެދު ކަމަށެވެ.

ހަމައެއާއެކު، ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެކޯޕަރޭޝަނުން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އަގުހެޔޮ ޕިކަޕް ހިދުމަތް "ކެޕްސް" ގެ ދަތުރުތައް ވެސް ވާނީ އިތުރު ފުރިހަމަކާ އެކު ހަފްތާގެ ކޮންމެ ދުވަހަކު ލިބޭނެގޮތަށް އިންތިޒާމް ކޮށްފައި ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.