ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު ފަރާތްތަކުގެ މެދުގައި ފެލްޓުތައް ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.
ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތެއްލާ، އެފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ގުރުއަތު ނަގާނީ H10 (ހާއްސަ އެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީން ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ގުރުއަތު ނަގާނީ ބުރާސްފަތި ދުވަހުގެ ހެދުނު 9:00 އިން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުއަތު ނަގާ ނިމެންދެން ކަމަށެވެ. އަދި ގުރުއަތު ނަގާނީ، އެ ކެޓަގަރީ އިން ފުލެޓް ލިބިފައިވާ ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައިޑީ ނަންބަރު ތަރުތީބުން ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ފްލެޓުތަކުގެ ގުރުއަތު ނެގުން ދައުލަތުގެ މީޑީއާ ޕީއެސްއެމްއާ އެހެނިހެން މީޑިއާތަކުން ލައިވްކޮށް ދައްކާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ ދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ އެޗްޕީއޭގެ ގައިޑްލައިން އާ އެއްގޮތްވާ ގޮތުގެ މަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތުދޭ އޮބްޒާވަތުންނަށް ވަނުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
ގުރުއަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފުލެޓް ލިބުނު ފަރާތުން ދީފައިވާ ފޯނު ނަމްބަރަށް އެސްއެމްއެސް އެއް ލިބޭނެ ކަމަށާއި، އެ އެސްއެމްއެސް ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ ކަމަށާއި އޭގައި ވާ ލިންކަށް ކްލިކް ކޮއްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މައުލޫމާތު ފެންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީއިން ބުނީ، ފްލެޓުގެ އެގްރީމަންޓުގައި ސޮއި ކުރުމަށާއި، ތަޅުދަނޑި ހަވާލު ކުރުމަށް ފަހުން ވަކި ތާރީހެއް އިއުލާނު ކުރާނެ ކަމަށެވެ.