ރޯދަ މަހަކީ އާންމުކޮށް ގޭގޭގައި މީރު ކެއުންތަކާއި ތަފާތު އެކި ލުއި ކާނާ ތައްޔާރު ކުރާ މަހެވެ. މިގޮތަށް ތައްޔަރު ކުރާ ތަކެއްޗާއެކު ކޮންމެވެސް ކަހަލަ ޖޫހެއް ނުވަތަ މީރު ބުއިމެއް ހުންނާނެއެވެ. މިއަދު މި ދައްކާލަނީ ގޭގައި ފަސޭހައިން ތައްޔާރު ކޮށްލެވޭ، ގިނަ ބަޔަކަށް ކަމުދާ ބްލޫ ލެގޫމް މޮކްޓެއިލް ތައްޔާރު ކުރާނެ ގޮތެވެ.

ބްލޫ ނެގޫން މޮކްޓެއިލް ތައްޔަރު ކުރާނެ ގޮތް ތިރީގައި އެވަނީއެވެ.

ބޭނުން ވާނެ ތަކެތި:

ބްލޫ ލެގޫން ސިރަޕް:

  • 1 އޮރެންޖު
  • 1/2 ތަށި ހަކުރު
  • ކުޑަ ފޮނިތޮށި ކޮޅެއް
  • 1/2 ތަށި ފެން
  • ކާކުލަ (ނޫ)

ބްލޫ ލެގޫން:

  • ބްލޫ ލެގޫން ސިރަޕް
  • 1 ލުނބޯ
  • 2-3 ކުދީނާ ފަތް ނުވަތަ މިންޓް ލީވްސް
  • ސްޕްރައިޓް، އައިސްކްރީމް ސޮޑާ ފަދަ ކުލަ ނުހުންނަ ލުއި ބުއިމެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އޮރެންޖު ރަނގަޅަށް ދޮވެލުމަށްފަހު އޮރެންޖުގެ ތޮށި ހިމުންކޮށް ގާނާލާށެވެ. އެއަށްފަހު ތޮށިތައް ނަގާ، ކުޑަ ތައްޓެއްގައި ބެހެއްޓުމަށް ފަހު އޮރެންޖު ދިޔަ ނަގާ، ވަކިން ތައްޓެއްގައި ބަހައްޓާށެވެ.

އެއަށްފަހު ހަކުރާއި ފޮނި ތޮށި އަދި ފެން ތެއްޔަކަށް ލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ބޮލި ވަންދެން ކައްކާލުމަށްފަހު އުނދުން ކުޑަ ކޮށްލާށެވެ. އަދި ގާނާލި އޮރެންޖު ތޮއްޓާއި އޮރެންޖު ދިޔަ އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކާކުލަ ކޮޅެއް ޖަހާ، އެއްކޮށްލާށެވެ. ކާކުލަ އަޅާނީ ކުލަ ލާ ވަރު އެތިކޮޅެކެވެ. 2 މިނިޓްވަންދެން ކައްކާލުމަށްފަހު އުނދުނުން ނަގާ، ފިނިކޮށްލާށެވެ. އަދި ފިނި ވުމުން ފުރާލާށެވެ.

މިއީ ބްލޫ ލެގޫން ސިރަޕް ތައްޔާރު ކުރާނެ ގޮތެވެ.

ބްލޫ ލެގޫން ތައްޔާރު ކުރުމަށް ދެ މޭޒުމަތީ ސަމުސާގެ ލުނބޯ ކުދިކޮށް ކޮށާލުމަށްފަހު ތައްޓަކަށް އަޅާށެވެ. އެއަށްފު ލުނބޯ ޗިސް ކޮށްލާށެވެ. އަދި އަދި ދެތިން ކުދީނާ ފަތް އަޅާލުމަށްފަހު ދޮޅު ސަމުސާ ބްލޫ ލެގޫން ސިރަޕް އަޅާލާށެވެ. އަދި ވަށްކޮށް ކޮށާފައިވާ ދެ ލުނބޯ ކޮޅު އެޅުމަށްފަހު ސްޕްރައިޓް ނުވަތަ އައިސްކްރީމް ސޮޑާ އަޅާލާށެވެ.

މިއީ ބްލޫ ލެގޫން މޮކްޓެއިލް ތައްޔާރު ކުރާނެ ގޮތެވެ. އެންމެ މީރު ވާނީ ފިނިކޮށްލުމަށް އައިސް ކިއުބް ވެސް އަޅައިގެން ބުއިމުންނެވެ.