އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަ މައްސަލައެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލު ކޮށްފިއެވެ.

ނިހާންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުން ކުރިއަށް ގެންދާނީ މިއަދު 10:00 ގައެވެ.

ނިހާންގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެކެވެ.

ނިހާނަށް ކޮށްފައިވާ ދައުވާތަކުގެ ތަފްސީލު:

  • ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ)
  • މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ (މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން މީނާއަށް ޝައްކު ކުރެވެންޖެހޭ ހާލަތުގައި އަދީބު މެދުވެރި ވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއް ކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ.)
  • ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ ( 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގިވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ސަބްމެރީނާ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ)
  • ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ( 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގިވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ސަބްމެރީނާ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދުމުން، ކ.މާލެ، މ. ވިލާދަށުގެ މުހައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައި ވާތީ)
  • ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރު ކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާ ކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައި ވާތީ)
  • ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އަދީބު އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައި ވާތީ)

ނިހާންއަށް ދައުވާ ކުރުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.