ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އޮކްސިމީޓަރަކީ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް މުހިންމު އާލާތެކެވެ. މި ޑިވައިސްއަކީ ޕޭޝަންޓުގެ ހަށިގަނޑުގައި އޮކްސިޖަން ހުރި މިންވަރު އަންގައިދޭ މީޓަރެކޭވެސް ބުނެވިދާނެއެވެ. ނަމަވެސް މި ކުޑަކުޑަ ޑިވައިސްއަކީ ހަމުގެ ކުލަ އަނދިރި މީހުންގެ ހަށިގަނޑުގައި އެންމެ ފުރިހަމައަށް މަސައްކަތް ނުކޮށްފާނެ އާލާތެއް ކަން، މިހާތަނަށް ހެދި ގިނަ ދިރާސާތަކަކުން މިވަނީ ދައްކާފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން އާންމު ކުރި އިންޒާރެއްގައި ބުނެފައި ވަނީ، ކޮވިޑް-19އާ ގުޅިގެން އޭގެ ބޭނުން އިންތިހާއަށް އިތުރު ވެފައިވާ ޕަލްސް އޮކްސިމީޓަރުން އެންމެ ފުރިހަމަ ނަތީޖާއެއް ނުދައްކަފާނެ ކަމަށެވެ.

ހުސްވި ހަފުތާގެ ކުރީކޮޅު، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިންވެސް ވަނީ، މި ޑިވައިސްތަކަކީ، ހަމުގެ ކުލަ އަނދިރި މީހުންގެ ހަށިގަނޑުގައި އެންމެ ފުރިހަމަ މަސައްކަތް ނުކޮށްފާނެ ޑިވައިސްތަކެއް ކަމަށް، ޑޮކްޓަރުންނާއި ނަރުހުންނަށް އިންޒާރުކޮށް، އެ އިދާރާގެ ގައިޑްލައިން އަޕްޑޭޓް ކޮށްފައެވެ.

ހަމުގެ ކުލަ އިނދިރި މީހެއްގެ އިނގިލީގައި އޮކްސިމީޓަރު ހަރުކޮށްގެން ރީޑިންގް ނަގަނީ / ފޮޓޯ: ވެރީވެލް ހެލްތު

ދަތްޗެއްހެން އަތުގައި ތިއްބައިލައިގެން ބޭނުން ކުރާ ޕަލްސް އޮކްސިމީޓަރަކީ ޕޭޝަންޓުގެ ލޭގެ ތެރޭގައި އޮކްސިޖަން ދައުރުވަމުންދާ މިންވަރު މޮނީޓާ ކޮށްދޭ، ހަށިގަނޑަށް އޭގެ ސަބަބުން އެއްވެސް ވަރެއްގެ ތަދެއް އިހުސާސް ވިޔަ ނުދޭ ޑިވައިސްއެކެވެ.

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި އާންމު ކޮށްފައިވާ ދިރާސާއެއްގައި ޑރ މައިކަލް ޖޯޑިންގްއާއި އޭނާގެ ޓީމުން ވަނީ، 10000 ޕޭޝަންޓުން ބައިވެރިކޮށްގެން މިކަމާ ގުޅޭ ތަހުލީލުތައް ކުރިއަށް ގެންގޮސްފައެވެ. މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ޕަލްސް އޮކްސިމީޓަރުތަކުން ދެއްކި ނަތީޖާއަށް ވުރެ، އާޓީރިއަލް ބްލަޑް ގޭސް ޓެސްޓުގެ ނަތީޖާ މާ ކަށަވަރު ކަމަށް ދައްކައެވެ. ނަމަވެސް މި ޓެސްޓަކީ ޕޭޝަންޓްގެ ހަށިގަނޑަށް ދަތު އިހުސާސް ކުރުވާ، "އިންވޭސިވް" ޕްރޮސީޖާއެކެވެ.

ދޮން ނަސްލުގެ މީހުންގެ ހަށިގަނޑުން ޕަލްސް އޮކްސިމީޓަރުން ނަތީޖާ އޮޅޭ ގޮތަށް އަދަދުތައް ދެއްކީ 3.6 ޕަސެންޓަށް ކަމަށް ވާއިރު، ކަޅު ނަސްލުގެ ޕޭޝަންޓުންގެ މެދުގައި މިއަދަދު އޮތީ 11.7 ޕަސެންޓަށް ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. އެގޮތުން، ކަޅު ނަސްލުގެ ކޮންމެ 10 ޕޭޝަންޓަކުން އެކަކަށް، ނުބައި ނަތީޖާއެއް ލިބުން އެކަށީގެން ވާ ކަމަށް ޑރ ޖޯޑިންގް ވަނީ ވިދާޅުވެފައެވެ.

އައިސީޔޫގައި އޮތް ހާލުބޮޑޫ ބަލިމީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޭޝްވައިރަލް

ކަށަވަރު ނަތީޖާއެއް ނުދައްކަނީ ކީއްވެ؟

ޕަލްސް އޮކްސިމީޓަރު މަސައްކަތް ކުރަނީ ޒާތެއްގެ ރަތް އަލިތަކެއް އިނގިލީގެ ތެރެއިން ފޮނުވާލައިގެންނެވެ. މި ގޮތަށް ފޮނުވާލާ 2 އައްޔެއް، އަނެއް ފަރާތުގައިވާ ސެންސަރުތަކަށް ނަގައެވެ. ލޭގެ ކުލަ ސެންސަރުން ދެނެގަނެއެވެ. ގަދަ ރަތް ކުލައަށް ހުންނަ ނަމަ އެއީ ރަނގަޅަށް އޮކްސިޖަން ލިބޭ ކަމުގެ ނިޝާނެކެވެ. ދަނބު ނުވަތަ ނޫ ކުލައަކަށް ހުންނަ ނަމަ އެއީ، އޮކްސިޖަން މަދުވުމުގެ އަލާމާތެކެވެ. ޕަލްސް އޮކްސިމީޓަރުތަކަކީ، ހަމުގެ ކުލައަށް އެޖަސްޓް ކޮށްފައި ނުވާ ޑިވައިސްތަކެއް ނަމަ، ހަންގަނޑުގެ ތެރެއަށް އަލި ދަމައިގަންނަ ގޮތަށް ބަދަލު އާދެއެވެ. ހަމަ މިފަދައިން، އަނދިރި ކުލައެއް ނިޔަފަތީގައި ޖައްސާފައި ވާ ނަމަވެސް، ނަތީޖާއަށް ބަދަލު އާދެއެވެ.

އޮކްސިމީޓަރުތަކަށް ކުރިމަތިވާ މި މައްސަލައަކީ މުޅިން އަލަށް ދެނެގަނެވުނު ކަމެއް ނޫނެވެ. 1990ގެ އަހަރުތަކުގެ ތެރޭގައި، މޯރަން-ތޯމަސް ވެސް ވަނީ މިކަން ދަނެގަނެފައެވެ. 2005 ވަނަ އަހަރާއި 2007 ވަނަ އަހަރު، ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންވެސް މިފަދަ ދިރާސާތަކެއް ކުރިއެވެ.

ހަމުގެ ކުލަ އިނދިރި މީހެއްގެ އިނގިލީގައި އޮކްސިމީޓަރު ހަރުކޮށްގެން ރީޑިންގް ނަގަނީ / ފޮޓޯ: ހެލްތު މެގަޒިން

ސުވާލަކީ، 30 އަކަށް އަހަރު ވީ އިރުވެސް މިމައްސަލައަށް ހައްލެއް ނުހޯދުނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. ޑރ ޖޯޑިންގް ވިދާޅުވި ގޮތުގައި، މި ދިރާސާތަކަކީ، ޑޮކްޓަރުންނަށް އިލްމު ފޯރުކޮށްދިނުމުގައި ބޭނުން ކުރި ދިރާސާތަކެއް ނޫނެވެ. އެހެންކަމުން، މިކަމާ ބެހޭ މައުލޫމާތު ނޭނގޭ ޑޮކްޓަރުންވެސް އެބަތިއްބެވެ.

މިކަމަށް އާންމުންގެ ސަމާލުކަން ހުއްޓުނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސެނެޓަރުންތަކެއް، އެފްޑީއެއްއަށް ސިޓީއެއް ފޮނުވި ހިސާބުންނެވެ. އެފްޑީއޭއިން ވަނީ އޮކްސިމީޓަރުތަކަށް ހުއްދަ ދިނުމަށް އޮތް ގައިޑްލައިންއަށް ބަދަލެއް ގެންނަން ޖެހޭތޯ ބަލަމުން ދާ ކަމަށެވެ.