ބެކްޓީރިއާތަކުގެ ސަބަބުން ޖެހޭ ބަލިތައް ފަސޭހަނުވެ ގިނަ ދުވަސް ވާން ފެށުމުން ދޭ އެންޓިބައޮޓިކަށް ވެސް ނުގުޑާ ބެކްޓީރިއާތައް ނައްތާލަން އިންޑިއާއިން ބޭހެއް އުފައްދައިފިއެވެ.
އެމެރިކާގެ ފްޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު ހުއްދަ ދީފައިވާ 'އެންމެޓަޒޮބެންޓަމް' އަކީ، އައިވީ ގޮތަށް ދޭން ތައްޔާރު ކޮށްފައި ވާ ބޭހެކެއެވެ. މި ބޭހުން ހަމަލާ ދެނީ، އެންޓިބައޮޓިކަށް ނުގުޑާ ބެކްޓީރިއާގެ ދިފާއީ ނިޒާމަށް ކަމުން އާންމު ހާލަތްތަކުގައި ދޭ އެންޓިބައޮޓިކަށް ނުގުޑާ ބެކްޓީރިއާތައް ބަލިކޮށްލައި މަރާލަދެއެވެ.
އިންޑިއާގެ ޗެންނާއީގައި ހުންނަ އޯކިޑް ފާމާ އިން އުފެއްދި މި ބޭސް ޓްރައިލް މަރުހަލާގައި 19 ގައުމަކުން އެކިއެކި މީހުންނަށް ދީފައިވާ އިރު ޓެސްޓްގައި ބައިވެރި ކުރި 1000 މީހުން، ބަލިން ރަނގަޅުވެފައި ވާ ކަމަށް ބުނެފައި ވެއެވެ.
ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ނިއުމޯނިއާ އަދި ލޭގެ އެކި ބަލިތައް ޖެހި ހާލު ދެރަ ބަލިމީހުންނަށް މި އައިވީ ދީ ޓެސްޓް ކޮށްފައި ވާ އިރު، ސިއްހީ މައުލޫމާތު ގެނެސްދޭ 'ދަ ލެންސެޓް' ޖާނަލްގައި ބުނީ، މި އައިވީ އާއެކު އެފަރާތްތަކުގެ ހާލު ރަނގަޅުވެ ދުޅަހެޔޮކަން އިއާދަވި ކަމަށެވެ.
ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އައިވީގެ ގޮތުގައި ދޭ މި ފަރުވާ ވެގެން ދާނީ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަރުވާއަކަށެވެ.
ހިސާބުތަކުން ދައްކާ ގޮތުން ބެކްޓީރިއާގެ އެކި އިންފެކްޝަންތަކުގައި އެންޓިބައޮޓިކަށް ނުގުޑުމުގެ ސަބަބުން އަހަރަކު 1.14 މިލިއަން މީހުން މަރުވެއެވެ.
2019 ވަނަ އަހަރު އިންޑިއާގައި އެކަނިވެސް 600،000 މީހުން މަރުވިއެވެ. އަދި އަލަށް އުފަންވާ ކުދިންގެ ތެރެއިން އަހަރަކު 60،000 އެއްހާ ކުދިން މަރުވާ ކަމަށް މެޑިކަލް ޖާނަލްގައި ބުނެފައި ވެއެވެ.
އިންޑިއާގެ ބޮމްބޭއަށް ނިސްބަތްވާ ކުންފުންޏަކުން ވެސް މިފަދަ ބޭހެއް ތަރައްގީ ކުރަމުން އެބަގެންދެއެވެ. 25 އަހަރުގެ މަސައްކަތުން ޓްރައިލް މަރުހަލާގެ ސްޓޭޖް 3 އާ ހަމައަށް އާދެވިފައިވާ އިރު އެ ކުންފުނިން ބުނެފައި ވަނީ، 'ޒޭނިކް' ނަމަކަށް ކިޔާ އެ ބޭސް 2025 ގައި ބާޒާރަށް ނެރެވޭވަރު ވާނެ ކަމަށެވެ.
'ވޮކްހާޑް' ނަމަކަށް ކިޔާ ކުންފުންޏަކުން އުފައްދާ އެ ބޭހާ ގުޅޭ ގޮތުން ޗެއާމަން ޑރ. ހަބީބް ކޮރަކިވާލާ ވިދާޅުވީ، މިހާތަނަށް އެއްވެސް އެންޓިބައޮޓިކަކަށް ގުޑާނުލައި އޮތް ހާލު ބޮޑު 30 ބަލި މީހަކަށް ޓްރައިލް މަރުހަލާގައި އެ ކުންފުނީގެ އުފެއްދުން ދީފައި ވާ ކަމަށާއި، އުފަލާއެކު ބުނަން ޖެހެނީ އެ 30 މީހުންވެސް ބަލިން ސަލާމަތްވެ މިހާރު ހެޔޮހާލުގައި ތިބި ކަމަށެވެ.
އިތުރަށް އޭނާ ބުނީ، އެ ކުންފުނިން އުފައްދާ ޒޭނިކް ބޭހަކާ އެންޓިބައޮޓިކަށް ގުޑާ ނުލާ، ހުރިހާ ވައްތަރެއްގެ ސުޕާބަގް ނުވަތަ ބެކްޓީރިއާތަކަށް ހަމަލާ ދޭނެ ބޭހެއް ކަމަށެވެ.