ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ 204 ފުލެޓު، ވިޔަފާރި އުސޫލުން ވިއްކާލަފައިވާ ކަމަށް ބުނާ ވާހަކަ އެމްޕީއެލްއިން ދޮގުކޮށްފިއެވެ.

އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނިން އިމާރާތްކުރަމުންދާ އެއް ކޮޓަރީގެ 204 ފްލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށް ބުނެ ލިޔެފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

އެގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާގޮތާ ހިލާފު އެފަދަ މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްއިން ބުނީ ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ކަމުގެ ހަގީގަތް ނުހޯދާ އެފަދަ ހަބަރެއް ލިޔެފައިވާތީ އެކަން އެ ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ހަބަރުތައް ޒިންމާދާރުކަމާއެކު އާއްމުންނާއި ހިސާބަށް ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން އެފަދަ ހަގީގަތާ ހިލާފު މައުލޫމާތު ތަކެއް އެ ކުންފުންޏާ ގުޅުވައިގެން ފެތުރި މައްސަލައިގައި ވޮއިސް ނޫހުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ކުންފުނީގެ ފަރާތުން މީޑިއާ ކައުންސިލް އަށް މައްސަލަ ހުށައަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނިން އިމާރާތް ކުރަމުންދާ ފުލެޓް ތަކަކީ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އިމާރާތްކުރަމުންދާ ފުލެޓްތަކެއް ކަމަށެވެ.

އެ ފުލެޓްތައް ގަތުމުގެ ފުރުސަތު ދޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.