މިފަހުގެ ތާރީހުގައި މުޅި ދުނިޔޭގައިވެސް ހިންގާ އެންމެ ވަރުގަދަ ވެކްސިން މަޝްރޫއުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން ކެމްޕޭންގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް، 193 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

ހިސާބުކިތާބު އެކުލަވާލުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ބްލޫމްބާގުން އެކުލަވާލާފައިވާ ރެކޯޑްތަކަށް ބަލާއިރު، މިހާތަނަށް ޖަހާފައިވާ 193 މިލިއަނަށް ވުރެ ގިނަ ޑޯޒް ހިއްސާ ކުރަނީ 87 ގައުމަކުންނެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19ގެ ވެކްސިން ކެމްޕޭންތައް އެންމެ ފޯރީގައި ކުރިއަށްދާ މި ދަނޑިވަޅުގައި، ދުވާލެއްގެ މައްޗަށް 6.47 މިލިއަން ޑޯޒްގެ ވެކްސިން ޖަހާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ރޭޓުގައި ވެކްސިން ދީގެން، މުޅި ދުނިޔޭގެ އާބާދީއަށް ކޮވިޑް-19އިން ދިފާއު ހޯދާ ދިނުމަށް އަހަރުތަކެއް ހޭދަ ވާނެ ކަމަށް ބެލެވެއެވެ. ބްލޫމްބާގްގެ އަންދާޒާތަކަށް ބަލާއިރު، ދުނިޔޭގެ އާބާދީގެ 75 ޕަސެންޓަށް 2 ޑޯޒް ފުރިހަމަ ކޮށްދިނުމަށް، 4.8 އަހަރު ހޭދަ ވާނެއެވެ.

އިންޑިއާގައި ތަރައްގީ ކުރާ ކޮވިޑް ވެކްސިން އުފުލުގައި އޮފިޝަލުން ހަރަކާތްތެރިވަނީ

ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ވެކްސިން ކެމްޕޭންއަކީ އިންސާފުން އެއްކިބާވެފައިވާ މަޝްރޫއެއް ކަމަށް ގިނަ ބަޔަކު ސިފަ ކުރެއެވެ. ޔަހޫދީ އިސްރާއީލުގެ ވެކްސިން ކެމްޕޭނުން ލިބެމުންދާ މައުލޫމާތަށް ބަލާއިރު، ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް މިއިން ދުވަހަކު ކުރި ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އިސްރާއީލުގެ އާބާދީގެ ކޮންމެ 100 މީހަކުން 78.1 މީހަކަށް ކޮވިޑް ވެކްސިން ދީފައި ވާއިރު، ފުރަތަމަ ޑޯޒް ނުލިބޭ ކިތަންމެ ގައުމެއް އަދިވެސް އެބައޮތެވެ.

ކޮވިޑް-19ގެ ވެކްސިން ރޭހުގައި އެންމެ ކުރީގައި އިސްރާއީލުގެ ފަހަތުން އުޅޭ ގައުމުތަކުގެ ތެރޭގައި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އިނގިރޭސިވިލާތް އަދި އެމެރިކާ ހިމެނެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު އަވަށްޓެރި އިންޑިއާ އޮތީ 5 ވަނާގައެވެ.

ފުރަތަމަ ތަރައްގީ ކުރި ކޮވިޑް-19 ވެކްސިންގެ ތަހުލީލީ މަރުހަލާތައް ނިންމާލީ ރައްކާތެރިކަމާއެކު ކަން ރަޝިއާގެ ސޭޝެނޯފް ޔުނިވާސިޓީއިން ކަށަވަރުކޮށްދޭ/ފޮޓޯ: ސްޕަޓްނިކް ނިއުސް

ތާރީހު ނުދެކޭ ފަދަ ހަލުވި ދުވެއްޔެއްގައި ކޮވިޑް-19ގެ ދިފާއު ވެކްސިން އުފައްދާ، އިންސާނުންގެ ހަށިގަނޑަށް ޖަހަން ފަށާފައި ވާއިރު، އެންމެ ކުރީގައި 9 ވެކްސިނެއް އެބަ އުޅެއެވެ. މީގެ ތެރެއިން 7 ވެކްސިނަކީ މިހާރު އާންމު އުސޫލުން ބޭނުން ކުރަމުން އަންނަ 7 ވެކްސިނެވެ.

އާންމު އުސޫލުން ބޭނުން ކުރަމުން އަންނަ ވެކްސިން ތަކުގެ ތެރޭގައި ފައިޒާ/ބައޮއެންޓެކްގެ ވެކްސިން، މޯޑާނާގެ ވެކްސިން، އޮކްސްފޯޑް/އަސްޓްރާޒެނީކާގެ ވެކްސިން، ސީނޯވެކް ބައޮޓެކްގެ ވެކްސިން، ގަމާލެޔާގެ (ސްޕަޓްނިކް 5) ވެކްސިން، ކޭންސީނޯ ބައޮލޮޖިކްސްގެ ވެކްސިން އަދި ސީނޯފާމްގެ ވެކްސިން ހިމެނެއެވެ. އާންމު އުސޫލުން ބޭނުން ކުރުމާ ގާތަށް ޖެހިލާފައިވާ ވެކްސިންތަކުގެ ތެރޭގައި ނޯވާވެކްސް ކޮވިޑް ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީ ކުރާ ކޮވިޑް ވެކްސިން ފާހަގަ ކުރަން ޖެހެއެވެ.