ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން، ވީ އެންމެ އަވަހަކަށް، މުޅި ދުނިޔޭގެ އާބާދީއަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ވާޗުއަލް ޕްލެޓްފޯމްގައި ތަގުރީރު ކުރައްވަމުން ގުޓެރޭޒް ވިދާޅުވީ، ވެކްސިންގެ ސަބަބުން އުއްމީދު އާ ކޮށްދިން ކަމުގައި ވީ ނަމަވެސް، ވެކްސިން ދިނުމުގެ މަޝްރޫއުތައް އަދި ހިންގަމުން ދަނީ އިންސާފުން ނޫން ކަމަށެވެ. އަދި މިކަމުގައި ހަމަހަމަ ކަމެއްވެސް ނެތް ކަމަށް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް ވެކްސިން ޖެހުމުގެ ތެރެއިން / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މި މޭރުމުން ވާހަކަދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް އުފައްދާފައިވާ ވެކްސިންގެ 75 ޕަސެންޓް ބޭނުން ކޮށްފައި ވަނީ އެންމެ 10 ގައުމުން ކަމަށެވެ. ކަން މިހެން އޮތްއިރު، 130 ގައުމަކަށް އަދި އެންމެ ޑޯޒްއެއްވެސް ނުލިބި އެބައޮތްކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

މުއްސަނދި ގައުމުތަކުން އޭނޫން މީހުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ފުރުސަތު ނުދޭނީނަމަ، ދެން ފެންނާނީ ބަލިމަޑުކަން އަދިވެސް އިތުރަށް ދިގުލައިގެންދާ މަންޒަރު ކަމަށްވެސް ގުޓެރޭޒް ވަނީ އިންޒާރު ކުރައްވާފައެވެ. ވައިރަސް ފެތުރިގެން ދާން ދޫކޮށްލައިފި ނަމަ އާ ވޭރިއަންޓްތައް އުފެދި، ފަސޭހަ ކަމާއެކު އެކެއްގެ އަނެކެއްގެ ވައިރަސް ފެތުރި، ބަލިމަޑުކަމުގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެ ކަމަށްވެސް ގުޓެރޭޒް ވަނީ ސިފަކުރައްވާފައެވެ.

ދުނިޔެއަށް މިވަގުތު ބޭނުންވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ވެކްސިން ޕްލޭނެއް ކަމަށްވެސް ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު ހޯދެން އޮތީ، ހުރިހާ ގައުމަކުން އެކުގައި މަސައްކަތް ކޮށްގެން ކަމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

އިސްރާއީލުގެ ހުދުމުހުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކޮވިޑް-19ގެ ދެވަނަ ވެކްސިން ޑޯޒްއަށް ތައްޔާރުވެވަޑައިގެން / ފޮޓޯ: ސީއެންއެން

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިހާރު ވަނީ 110 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 2.4 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.

ބްލޫމްބާގްއިން އެކުލަވާލާފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 82 ގައުމަކުން، ކޮވިޑް-19ގެ ވެކްސިންގެ 186 މިލިއަން ޑޯޒް މިހާރު ވަނީ ދީފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާއިރު 6.34 މިލިއަން ޑޯޒްއެވެ. ވެކްސިން ދިނުމުގެ ރޭހުގެ އެންމެ ކުރީގައި އޮތީ ހުދުމުހުތާރު އިސްރާއީލެވެ. އޭގެ ފަހުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި އެމެރިކާ އަދި އިނގިރޭސިވިލާތެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ވެކްސިން ރޭހުގައި އެންމެ ކުރީގައި އޮތީ އިންޑިއާއެވެ. ދުނިޔޭގެ ނިސްބަތުންވެސް އިންޑިއާ އޮތީ 5 ވަނާގައެވެ. އިންޑިއާގެ ފަހަތުން އެންމެ ގިނަ ވެކްސިން ދިން ގައުމުތަކުގެ ލިސްޓުގައި ދެކުނު އޭޝިއާ ސަރަހައްދުން ދެން އޮތީ ބަންގްލަދޭޝްއެވެ.