ބަލިމަޑުކަމުގެ ކާރިސާތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާއަކަށް ދުނިޔޭގެ ލީޑަރުންގެ ރުހުން ބޭނުން ވާ ކަމަށް، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ޗައިނާއިން ފުރަތަމަ ފަހަރަށް ރިޕޯޓް ކުރި ކޮރޯނަވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހިފައި ވާއިރު، ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހިއްސާ ކުރުމަށް ފުރުސަތު ތަނަވަސް ކޮށްދެނިވި ރޫހެއްގައި އެކުލަވާލާ ބައިނަލްއަގުވާމީ އެއްބަސްވުމަކަށް މި އެއްބަސްވުން މުހިންމު ކަމަށްވެސް ޖޯންސަން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޗައިނާގައި ހާއްސަ މިޝަންއެއް އޮޕަރޭޓް ކުރަމުން ދާ ގޮތާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާއިންވެސް ކަންބޮޑުވުން ފާޅު ކޮށްފައި ވާ މިދަނޑިވަޅުގައި، އިނގިރޭސި ބޮޑު ވަޒީރު ވިދާޅުވީ، ބަލިމަޑުކަމުގެ ތަފާސް ހިސާބުތައް ހިއްސާ ކުރުމަށް ބާރުދޭ އެއްބަސްވުމެއްގައި ސޮއި ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ގައުމެއްގައި ހިނގާ ދިޔަ ކަމަކާ ގުޅޭ މައުލޫމާތު ހިއްސާ ކޮށް، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، ބައިނަލްއަގުވާމީ ފެންވަރުގައި، ކާރިސާތަކާ ގުޅޭ މުއާހަދާއެއްގެ މުހިންމު ކަން އިންތިހާއަށް ބޮޑު ކަމަށް ޖޯންސަން ވަނީ އިޝާރާތް ކުރައްވާފައެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް، ޗާލްސް މައިކަލްވެސް ވަނީ ޖޯންސަންގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަން ބަޔާން ކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. މިއީ ބަލިމަޑުކަމަށް ދުނިޔެ ތައްޔާރުކޮށް، އެ ކަމާ ދެކޮޅަށް ދިފާއު އަހުލުވެރި ކުރުވާ، ބަލިމަޑުކަމަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މުހިންމު ކަމެއް ކަމަށް ޔޫރަޕިއަން ކައުންސިލްގެ ރައީސް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 7 ގައުމު (ޖީ-7)ގެ މި ދައުރުގެ ރިޔާސަތުގެ ހައިސިއްޔަތުން، ބަލިމަޑުކަމަށް ދުނިޔެ ތައްޔާރު ކުރުމުގެ މަސައްކަތުގައި ޖޯންސަން ހުންނެވީ އިސްނަންގަވަން ތައްޔާރަށް ކަމަށް ހަބަރު ލިބެއެވެ. އެގޮތުން ބަލިމަޑުކަމެއްގެ އިންޒާރު ދުރާލާ ދޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ކުރައްވަންވެސް ޖޯންސަން ހުންނެވީ ތައްޔާރަށް ކަމަށް ހަބަރު ލިބެއެވެ.
ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރީ ޗައިނާގައި ގަވައިދާ ހިލާފަށް ހިންގަމުން ދިޔަ ސީފުޑް މާކެޓެއް ހިމެނޭ ސަރަހައްދަކުން ކަމުގައި ވީ ނަމަވެސް، އެއީ ވައިރަހުގެ އަސްލު ފެށުމަށް ނުވެދާނެ ކަމަށް ޗައިނާއިން ދިޔައީ ތަކުރާރު ކޮށް ބުނަމުންނެވެ. ޑަބްލިއުއެޗްއޯގެ މިޝަންއިން ވޫހާންގައި ތަހުގީގުތަކެއް ހިންގާފައި ވާއިރު، ޑިސެންބަރު 2019ގައިވެސް ވޫހާންގައި ކޮވިޑް ގެ 13 ސްޓްރެއިންއެއް ދައުރުވަމުން ދިޔަކަން މިހާރު ވަނީ ދަނެގަނެވިފައެވެ.