ކޮރޯނާވައިރަހުގެ އާ ބާވަތެއް ފެތުރެމުން ދާ ކަން، ބައިނަލްއަގުވާމީ ކަމާ ބެހޭ ފަރާތްތަކަށް ޗައިނާގެ ސަރުކާރުން ރިޕޯޓް ކުރުމުގެ އެތައް މަހެއް ކުރިން، ގައިން ގައަށް އަރާ ބަލިތަކަށް ޓެސްޓު ކުރަން ބޭނުން ކުރާ އާލާތްތައް ގިނަ އަދަދަކަށް އެ ގައުމުން ގަނެފައި ވާ ކަމަށް، ސައިބާ ސެކިއުރިޓީ ކުންފުންޏަކުން ހާމަކޮށްފިއެވެ.
އޮސްޓްރޭލިއާ އަދި އެމެރިކާ ހިއްސާވާ އިންޓަނެޓް ޓޫ ޕޮއިންޓް އޯ އިން ބުނާ ގޮތުގައި، ގައިން ގައަށް އަރާ ބަލިތަކަށް ޓެސްޓު ކުރަން ބޭނުން އާލާތްތައް ގިނަ އަދަދަކަށް ގަނެފައި ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރި ހޫބޭ ޕްރޮވިންސުންނެވެ.
އެގޮތުން ޕޮލީމަރޭޒް ޗެއިން ރިއެކްޝަން ނުވަތަ ޕީސީއާރް ޓެސްޓު ހަދާ އާލާތްތައް ގަތް މިންވަރު، 2019 ވަނަ އަހަރު އާދަޔާ ހިލާފަށް އިތުރު ވެފައި ވާ ކަމަށް އިންޓަނެޓް ޓޫ ޕޮއިންޓް އޯ އިން ބުނެއެވެ. މި އާލާތަކީ، ގައިން ގައަށް އަރާ ބަލިތަކަށް، ޑީއެންއޭގެ އެހީގައި ސްކްރީން ކުރުމަށް ނުބަތަ އެނޫންވެސް ޖެނެޓިކް މާއްދާތަކަށް ސްކްރީން ކުރަން ބޭނުން ކުރާ އާލާތްތަކެކެވެ.
މި ކަމާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ނުލިބެއެވެ.
ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ވޫހާން ޕްރޮވިންސް އޮންނަނީ ހޫބޭ ޕްރޮވިންސްގައެވެ.
ގޮތް ނޭނގޭ މަސްދަރަކުން ފޭތުރޭ، ނިއުމޯނިއާ ހުމެއް، ޗައިނާގައި ފެތުރެމުން ދާ ކަމުގެ މެސެޖު، ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ)ގެ ޗައިނާ އޮފީހަށް ލިބުނީ ޑިސެމްބަރު 31، 2019ގައެވެ. ޖެނުއަރީ 7، 2020ގައި ޗައިނާގެ އޮފިޝަލުން ވަނީ، ކޮރޯނާވައިރަހުގެ އާ ސްޓްރެއިންއެއް ދެނެގެންފައެވެ. އެއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހެން މެދުވެރިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އެވެ.
އޭގެ ފަހުން ދުނިޔޭގެ ހުރިހާ ހިސާބަކަށް މި ބަލި ފެތުރި، އާލަމީ ބަލިމަޑުކަމަށް ބަދަލުވެފައި ވާއިރު، ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 4.8 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.
ކަން މިހެން އޮތް އިރު ކޮވިޑް ޖައްސާ ވައިރަހުގެ ހަގީގީ އަސްލަކީ ކޮބައިކަން އަދާ ޖެހުނު އިރުވެސް ހޯދިފައެއް ނުވެއެވެ. ޗައިނާއަކީ ކޮވިޑްގެ ހަގީގީ ފެށުމަށް ނުވެދާނެ ކަމަށް އެގައުމުން ވަކާލާތު ކުރާއިރު، ކޮވިޑްގެ އަލާމާތްތަކެއް، 2019 ވަނަ އަހަރުގެ ފަހުކޮޅު ވިލާތުގެ ހިސާބުތަކަކުން ފެނުނު ކަމުގެ ރިޕޯޓްތަކެއްވެސް މީގެ ކުރިން ވަނީ އާންމު ވެފައެވެ.