މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ބެހޭ ގޮތުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް، ޗައިނާއާއެކު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

ޗައިނާގެ ބޮޑުވަޒީރު ލީ ކޭގިއާންގްއާއެކު ޑރ ޓެޑްރޯޒް ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، ކޮވިޑްގެ އަސްލު ދެނެގަތުމަށް ކުރިއަށް ގެންގޮސް، މިހާރު މަޑުޖެހިފައިވާ ތަހުގީގުތަކާ ބެހޭ ގޮތުން ވާހަކަދެއްކެވި ކަމަށް ހަބަރު ލިބެއެވެ.

ކޮވިޑްގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯ އިސްވެ އޮވެ، ޗައިނާގައި ކުރިއަށް ގެންދިޔަ ތަހުގީގުތަކަށް ޗައިނާއިން ހުރަސްތަކެއް ކުރިމަތި ކޮށްފައި ވާ އިރު، ކޮވިޑްގެ އަސްލާ މެދު އުފެދިފައިވާ ދެބަސްވުންތަކުގައި ހުޅަނގާއި ޗައިނާގެ ގުޅުންތައް ވަނީ އިތުރަށް ހީނަރު ވެފައެވެ.

ޑރ ޓެޑްރޯޒް ވަނީ، ކޮވިޑްގެ އަސްލާ ބެހޭ މައުލޫމާތުތައް ހާމަ ކުރުމުގައިގެން ޗައިނާ ކުރިއަށް ނިކުތުމަށް ވަނީ ގޮވާލައްވާފައެވެ. އަދި ކޮވިޑްގެ އަސްލު ދެނެގަތުމަށް ދެ ފަރާތް ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވިފައި ވާ ކަމަށް ޑރ ޓެޑްރޯޒް ވަނީ ހާމަ ކުރައްވާފައެވެ.

މި ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 6 މިލިއަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާ އިރު، އަދާ ޖެހުނުވެސް ބަލީގެ އަސްލު ހޯދިފައެއް ނުވެއެވެ. ކޮވިޑްގެ ހާލަތު މިހާ ގޯސްވީ، ޗައިނާއިން ބަލި ހާމަ ކުރުމުގައި ލަސް ކުރުމުން ކަމަށް ބުނެ، ގިނަ ގައުމުތަކަކުން ވަނީ ޗައިނާއަށް ފާޑުކިއުންތައް އަމާޒު ކޮށްފައެވެ.

ކޮވިޑަކީ ޗައިނާގެ ލެބަކުން ލީކުވީ ވައިރަހެއް ކަމަށްވެސް ބައެއް ފަރާތްތަކުން ވަކާލާތު ކުރެއެވެ.

ނަމަވެސް، ކޮވިޑާ ގުޅިގެން ޗައިނާއަށް އަމާޒު ކުރާ ފާޑުކިއުންތަކަށް ޗައިނާއިން ދަނީ ތަކުރާރުކޮށް، އިންކާރު ކުރަމުންނެވެ.